ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ގިނަ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް
ކ. ގުރައިދޫ ޚާއްސަ އެޙީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް ރީހެބިލިޓޭޓްކުރުމުގެ ގޮތުން މަރުކަޒުގައި ގިނަ ޕްރޮގްރާމްތަކެއް ރާވާ ހިންގަމުން އަންނަ ކަމަށް އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
އެ ވުޒާރާއިން މިއަދު ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ކ. ގުރައިދޫ މަރުކަޒުގެ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން ބޭނުންކުރަމުން އަންނަ މޮޑެލްގެ ދަށުން ފަރުވާއާއި، ރީހެބިލިޓޭޝަންގެ އިތުރުން، މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް މުޖުތަމަޢަށް އަނބުރާ ހަވާލުކުރުމަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.
އެގޮތުން މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި 15 ފަރާތެއް އަނބުރާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން ބުނީ, އެ މަރުކަޒުގައި މިވަގުތު ތިބީ 220 މީހެއް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އެނދުމަތިވެފައިވާ 15 ފަރާތާއި، ނަފްސާނީގޮތުން ބަލި 183 މީހުންގެ އިތުރުން 65 އަހަރުން މަތީގެ 31 މީހެއް ކަމަށެވެ.
ފަރުވާ ހޯދަމުން އަންނަ ގިނަ ފަރާތްތައް މުޖުތަމަޢަށް އަނބުރާ ހަވާލުކުރުމުގައި އެ ފަރާތްތަކަށް ހެލިފެލިވެ އުޅުމުގައާއި ވަކި ރޫޓީނަކަށް ނުވަތަ ތާވަލަކަށް ދުވަހުގެ ކަންކަން ބަހާލައި ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވާތީ, އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
"މިގޮތުން މިދިޔަ ހަފްތާގެ ތެރޭގައި މި މަރުކަޒުގައި ތިބޭ އަންހެން ކްލައިންޓުންނަށް ޚާއްސަކޮށް، ޕޮލިޓެކްނިކް އާއި ގުޅިގެން ކޭކް އެޅުމުގެ ކޯހެއް ވަނީ ބާއްވާފަ އެވެ. އަދި މި ކޯސް 10 ފަރާތަކުން މިހާރުވަނީ ފުރިހަމަކޮށްފަ އެވެ." އެ ވުޒާރާއިން ބުނެފައިވެ އެވެ.
މީގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން ކަސްރަތު ޕްރޮގްރާމްތަކާއި އިޖުތިމާޢީ އެއްވުންތައް މަރުކަޒުގައި ތިބޭ ފަރާތްތަކަށް ދަނީ ކުރިއަށްގެންދާ ކަމަށާއި ހުނަރު ޕްރޮގްރާމްތަކުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އަމިއްލަ ފަރާތްތަކާއި މުއައްސަސާތަކާއި ގުޅިގެން އެހެނިހެން ގިނަ ޕްރޮގްރާމްތަކެއް ވެސް ރޭވިފައިވާ ކަމަށް ބުނެފައިވެ އެވެ.
މިގޮތުން ބާއްވަން ހަމަޖެހިފައިވަނީ ގަސް އިންދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި، ފަހަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި ކުރެހުމާއި އަތު މަސައްކަތުގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތަކެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން ބުނީ މިފަދަ ހުނަރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ އެންމެ މުހިންމު މަގުސަދަކީ އެ ވުޒާރާގެ ބެލެނިވަރިކަމުގެ ދަށުގައި ފަރުވާ ހޯދަމުން އަންނަ ކޮންމެ ފަރާތަކީ އަބުރުވެރި، އުފާވެރި، އަދި އަމިއްލަ މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބިގެންވާ ފަރާތަކަށް ހެދުން ކަމަށެވެ.