ޚިޔާލު ރައްޔިތުންގެ މަޖިލިސް ރިޕޯޓް

ޕީއެންސީގެ ސުޕަމެޖޯރިޓީއާއިއެކު އުއްމީދީ މަޖިލީހެއް

  • 75 ގޮނޑި ތަމްސީލު ކުރަނީ ޕީއެންސީން
  • 200 ބިލު ފާސްކުރުމުގެ އަމާޒު އެބައޮތް
  • މަސައްކަތް ކުރާނީ ސަރުކާރަށް އެއްބާރުލުން ދޭން
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިސް ދައުރެއް އަދާކުރައްވާނެ ކަމަށް ބެލެވޭ ތިން ބޭފުޅުން

މިއަދަކީ އަނެއްކާވެސް ރާއްޖޭގެ ސިޔާސީ ހަޔާތުގައި ތާރީހީ ދުވަހެކެވެ. ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިހާބުވެވަޑައިގެންނެވި 93 މެމްބަރުން، މެމްބަރުކަމުގެ ހުވާ ކުރެއްވި ދުވަހެވެ. ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ދެވަނަ ބާރެވެ. މިއީ ރައްޔިތުންނާއި ސީދާ އަދި ނުސީދާ ގޮތުން ގުޅިފައިވާ ގާނޫނުތައް ބައްޓަންކޮށް އެ ގާނޫނުތައް ފާސްކުރުމުގެ މަތިވެރި ޒިންމާ ނަގާ މަޖިލީހެވެ.

Ads by MWSC

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ވިދާޅުވަމުން ގެންދެވި އެންމެ މުހިންމު އެއް ވާހަކައަކީ ކުރިއަށް އޮތް 5 އަހަރު ސަރުކާރުގެ މެނިފެސްޓީ ތަންފީޒު ކުރުމަށްޓަކައި ގާނޫނީ ގޮތުން ގެންނަންޖެހޭ ބޮޑެތި ބަދަލުތަކެއް ހުރި ކަމަށެވެ. ގާތްގަނޑަކަށް 200 އަށްވުރެއް ގިނަ ގާނޫނީ އިސްލާހުތަކެއް ގެންނަންޖެހިފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިއާއިއެކު ރައްޔިތުން ނިކުމެ ރައީސް މުއިއްޒުގެ ޕާޓީއަށް މަޖިލީހުގެ އަގުލަބިއްޔަތު ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ރައީސް މުއިއްޒުއަށް އަގުލަބިއްޔަތު ދެއްވި އެވެ. 65 މެމްބަރުން ޕީއެންސީގެ ޓިކެޓުގައި އިންތިހާބު ކުރެއްވި އެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވި 10 މެމްބަރަކު ޕީއެންސީއާއި ގުޅިވަޑައިގެން މިއަދު މަޖިލިސް ހުވާ ކުރެއްވިއިރު ޕީއެންސީއަށް ނިސްބަތްވާ 75 މެމްބަރުން މަޖިލީހުގައި އެބަ ތިއްބެވި އެވެ.

 

ޕީއެންސީގެ ތަސައްވަރު

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އުއްމީދީ މެނިފެސްޓޯއަކާއިގެންނެވެ. އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކާއި، އުސޫލީ ބޮޑެތި ބަދަލުތަކެއް ގެނައުމަށްވެސް މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ. މިމަސައްކަތްތައް ފުރިހަމަކުރުމަށް ގާނޫނީ ބަދަލުތަކުގެ އިތުރުން ބަޖެޓުވެސް ބޭނުންވެ އެވެ. ބަޖެޓު ފާސްކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ރުހުމާއިއެކު އެވެ.

ޕީއެންސީގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ އަމާޒު ހުރި ގޮތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ހުރިހާ މަސައްކަތްތަކެއް ބައްޓަން ކުރައްވާނީ ރައީސް މުއިއްޒުގެ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި ދޭންޖެހޭ އެއްބާރުލުން ދިނުމަށްޓަކައި ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތުގެ ދުވެލި އަވަސްކުރައްވާނެކަމުގެ ޔަގީންކަންވެސް އަބްދުއްރަހީމް ދެއްވި އެވެ.

200 ބިލެއްގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދިޔުމަކީ އާދައިގެ ކަމެއް ނޫނެވެ. ބިލު ހުށަހެޅި އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސް، ކޮމިޓީން ފާސްކޮށް، ކޮމެޓީން ފާސްކުރާ ބިލަށް ބަހުސްކޮށް އެ ބިލު ފާސްކުރުމަކީ ވަރަށް ވަގުތެވެ. އެހާމެ މަސައްކަތެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ދުވެލި ވަރަށް ބޮޑަށް އަވަސްކޮށްގެން ނޫނީ ރައީސް މުއިއްޒުގެ އަމާޒަށް ވާސިލުވުމަކީ ނުވާނެ ކަމެކެވެ.

 

އެންމެ މުހިންމީ އަހުލާގު

ރައްޔިތުންގެ މަޖިލީހުގެ ތާރީހަށް ބާލައިރު ވަރަށް ބޮޑެތި ހަމަނުޖެހުންތައް ހިނގާފައި ހުރިތަން ފެންނަން އެބަ އޮތެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައާއި 19 ވަނަ މަޖިލީހުގައިވެސް ކޯޅުންތައް ގިނަ އެވެ. އެކި ޒާތުގެ އަޑުގަދަ ކުރާއިން އަޑުގަދަ ކުރުމާއި، ކަށިގަނޑު ފުމުމާއި، މޭޒުކޮޅު މައްޗަށް ކޮޅަށް އަރުއްވައި މެމްބަރުން ހަޅޭއްލެވުމާއި މިނޫނަސް ތަޅާފޮޅުންތައްވެސް މަޖިލީހުގައި ކުރިއަށް ދިޔަތަން ފެނުނެވެ.

މިއިން ކޮންމެ ކޯޅުމަކާއިއެކު މަޖިލީހުގެ މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވެގެން ދެއެވެ. ކޯޅުމުގެ ތެރޭގައި ހަފްތާއެއްހާ ދުވަހުވެސް ޖަލްސާ ކުރިއަށް ނުގެންދެވޭތަން ފެނެ އެވެ. އަދި ޖަލްސާ ފެށުނަސް ސިފައިން ލައްވައި މެމްބަރުން ތަޅުމުން ބޭރު ކުރުމާއި މެމްބަރުން ދައްކަވާ ވާހަކަތައް އަޑު ނީވޭވަރަށް އަޑުގަދަ ކުރުންފަދަ ކަންކަން ފެނިގެން ގޮސްފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހާއި ގުޅޭގޮތުން އެންމެ އާންމުކޮށް އުފުލޭ ޝަކުވާއަކީވެސް މެމްބަރުންގެ އަހުލާގެއް ނެތްކަމުގެ ވާހަކައެވެ. މަޖިލިސް ކުރާ ގޭގެ މަންޒަރުތައް ބަލަން އާއިލާއާއިއެކު ނުތިބެވެ އެވެ. ހުތުރު ބަސްތަކުން އެކަކު އަނެކަކާއި މުހާތަބު ކުރުމާއި މިނޫނަސް އަހުލާގީ ގޮތުން ދަށް ފެންވަރުގެ އަމަލުތައް މަޖިލީހުގައި ހިނގާފައި އެބަ ހުއްޓެވެ. މިފަހަރުގެ މަޖިލީހުގައި މިކަންކަން ތަކުރާރު ނުވާނެކަމަށް ކުރެވޭ އުއްމީދު ވަރަށް ބޮޑެވެ.

އަނެއްކޮޅުން 200 ބިލުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދަން ގަސްތު ކުރާނަމަ ބޭކާރު ޒުވާބުތަކާއި ކޯޅުންތަކުން އެއްފަރާތްވެ އަވަސް ދުވެލީގައި މަޖިލިސް ކުރިއަށް ގެންދިޔުން މުހިންމެވެ. މަޖިލިސް ތަޅުމުގައި ކުރެވޭ މަސައްކަތްތަކުގެ އިތުރުން ކޮމިޓީތަކުގެ މަސައްކަތްވެސް އަވަސްކުރަން ޖެހެ އެވެ.

 

ސުޕަމެޖޯރިޓީ ގެއްލިދާނެތަ؟

މީގެ ކުރީގެ ދެ މަޖިލީހުގައި ތަކުރާރުވި އެއް ކަމެއް އެބަ އޮތެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތީ ޕީޕީއެމް އަށެވެ. 19 ވަނަ މަޖިލީހުގައި އެމްޑީޕީ އަށެވެ. މިއިން ކޮންމެ ދައުރެއްވެސް ނިމުމުގެ ކުރިން މަޖިލިސް މެމްބަރުން ނިސްބަތްވާ ޕާޓީތައް އެކި ގޮތްގޮތަށް ބަދަލުވެގެން ދިޔަތަން ފެނުނެވެ. ނިމިދިޔަ 19 ވަނަ މަޖިލީހުގައިވެސް ދައުރު ނިމުނުއިރު އެމްޑީޕީއަށް އޮތް ސުޕަމެޖޯރިޓީ ވަނީ ގެއްލިފަ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސް ފެށިއިރު އެންޓި ޑިފެކްޝަން ގާނޫނު އޮތީ ވުޖޫދުކޮށްފަ އެވެ. މާނައަކީ މެމްބަރުން ހުވާ ކުރެއްވުމަށްފަހު ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުކަން ގެއްލޭނެ އެވެ. މިހެންވުމުން މެމްބަރުންގެ ޕާޓީ ބަދަލުކުރުމަކީ ވުމަށްވުރެއް ނުވުން ގާތް ކަމެކެވެ.

މީގެ ކުރިންވެސް އެންޓި ޑިފެކްޝަން ބިލެއް ފާސްކުރި އެވެ. އެހެންނަމަވެސް އެ ގާނޫނު އުވާލައި މެމްބަރުން ޕާޓީ ބަދަލުކުރަން ފުރުސަތު ދިނެވެ. މިފަހަރުވެސް އެ ފުރުސަތު އެބަ އޮތެވެ. ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް އެއްބަސް ކިޔައިގެން މި ގާނޫނު އުވާލަން މަސައްކަތް ކޮށްފިނަމަ އެކަނ ކުރެވި މެމްބަރުންނަށް ޕާޓީ ބަދަލުކުރެވޭ ގޮތްވެސް ވެދާނެ އެވެ.

ޕީއެންސީއަށް އޮތް ސުޕަމެޖޯރިޓީ މިފަހަރު ގެއްލުމަކީ ވުން ވަރަށް ނާދިރު ކަމެކެވެ. އެހެންނަމަވެސް ނުވާނެ ކަމެއް ނޫނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!