ރައީސް މުއިއްޒުއަށް ސަނާ ނުކިޔާނަމަ މަޖިލީހުގައި އެއްވެސް ކަމެއް ކުރިއަކަށް ނުދޭ: އެމްޑީޕީ
ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސަނާ ނުކިޔާނަމަ އަދި ކުރީ ސަރުކާރަށް ފާޑު ނުކިޔާނަމަ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަމަށް އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ބުނެފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ މިދިޔަ ހޯމަ ދުވަހު އެމްޑިޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމުން ޕީއެންސީގެ މެޖޯރިޓީ ބޭނުން ކުރައްވައިގެން އެމައްސަލަ ބޭރުކޮށްލީ ވަގުތު ބޭކާރުކުރާކަމަށް ބުނެ ކަމަށެވެ. އެހެންނަމަވެސް އެދުވަހު މަޖިލީހަށް ހުށަހަޅާފައި އޮތީ އެންމެ ބިލެއްގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށް ނާޒިލް ވިދާޅުވި އެވެ.
“ފްލޯގައި ކުއްލި މައްސަލައެއް ވިޔަސް ގަރާރެއް ވިޔަސް އަދި އެހެން އެއްޗެއް ވިޔަސް އެބޭފުޅުންގެ މެމްބަރުންނަށް ތެދުވެ ރައީސުލްޖުމްހޫރިއްޔާއަށް ސަނާ ކިޔާ ސަރުކާރަށް ސަނާ ކިޔާ, އެގޮތަށް ސަނާ ނުކިޔޭ އެއްވެސް ކަމެއް މަޖިލިސް ތެރެއިން ކުރާކަށް އެބޭފުޅުން ހަގީގަތުގަ ބޭނުން ނުވާކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށްވެސް ފާހަގަވެގެން ދިޔަ”
އެމްޑީޕީން ހުށަހަޅާ ގިނަ ކުއްލި މައްސަލަތައް މަޖިލީހުން ބޭރު ވެގެން ދަނީ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެމްބަރުން އެމައްސަލަތަކަށް ބަހުސްކުރަން ބޭނުންވާކަމަށް ވޯޓު ނުދޭތީ އެވެ. މިކަން ފާހަގަކުރައްވައި ނާޒިލް ވަނީ ޕީއެންސީ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެގޮތުން ނާޒިލް ވިދާޅުވީ ޕީއެންސީ މެމްބަރުން ވާހަކަ ދައްކަވާއިރު ރައީސަށް ތައުރީފުކުރައްވައި, އެ ބިލު ސްޕޮންސާ ކުރެއްވި މެމްބަރަށް ޝުކުރު އަދާކޮށް އޭގެ ފަހުން ކުރީ ސަރުކާރަށް ފާޑުވިދާޅުވާ ކަމަށެވެ. އަދި ބިލަށް ވާހަކަ ދެއްކެވުމުގެ ބަދަލުގައި މެމްބަރުންނަށް ސަރުކާރުން ފޮނުވާ އެފަދަ ޓޯކިންގް ޕޮއިންޓްސްތަކަށް ވާހަކަ ދައްކަވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.
“އެގޮތަށް އެކަން ނުކުރެވޭ ކޮންމެ ކަމަކީ އެއީ މަޖިލީހުގަ ހަގީގަތުގަ ރައްޔިތުންނަށްޓަކާ ކުރާ ކަމެއް ކަމަކަށް އެބޭފުޅުން ގަބޫލެއް ނުކުރޭ”
ނާޒިލް ވިދާޅުވީ ކަން މިހެން އޮތް ނަމަވެސް އެމްޑީޕީން މަޖިލީހުގައި ކުރާ އެއްވެސް މަސައްކަތަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.
މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީއަށް ނިސްބަތްވާ 12 މެމްބަރުންނެވެ. ޕީއެންސީގެ 80 މެމްބަރުން ތިއްބަވަ އެވެ. އެހެންކަމުން ޕީއެންސީ މެމްބަރުންގެ ތާއީދާއިއެކު ނޫން ގޮތަކަށް އެމްޑީޕީން ހުށަހަޅާ އެއްވެސް ބިލެއް އަދި ކުއްލި މައްސަލައެއްވެސް މަޖިލީހުގައި ކުރިއަށް ނުދާނެ އެވެ.