ހުރިހާ އެންމެންގެ ރުހުމާއި އެހީތެރިކަމެއް ނުލިބޭނެ ، އެކަމާއި ފިކުރު ނުކުރޭ:މުފްތީ މެންކު

ހުރިހާ އެންމެނެއް ތިބާއާއި މެދަކު ނުރުހޭނެ ކަމަށާއި ތިބާއަށް އެހީތެރި ވެސް ނުވާނެ ކަމަށާއި އަދި އެކަންކަމާއިި ފިކުރު ނުކުރުމަށް ޒިމްބާބުވޭގެ މުފްތީ އިސްމާއީލް އިބްނު މޫސާ މެންކު ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ކޮންމެ ދުވަހަކު ދީނީ އެތައް އިރުޝާދުތަކާއި ފިލާވަޅުތަކެއް ދެއްވަމުން ގެންދަވާ މުފްތީ މެންކު ވިދާޅުވީ ހުރިހާ އެންމެންގެ ރުހުމާއި އެހީތެރިކަމެއް ނުލިބޭނެ ކަމަށާއި އަދި ޙައްޤު އިޙްތިރާމާއި އިއްޒަތެއް ވެސް ނުދޭނެ ކަމަށެވެ. އަދި ދިރިއުޅުމަކީ އަސްލު އެއީ ކަމަށް މުފްތީ ވިދާޅުވެފައިވެއެވެ.
މުފްތީ ވިދާޅުވީ ހުރިހާ ކަމެއްގެ މައްޗަށް ﷲ ތަޢާލާގެ ބާރުވާކަން ޔަގީން ކުރަން ޖެހޭ ކަމަށާއި ތިބާގެ މަންޒިލް ކަނޑައެޅުމަށް އެއްވެސް މީހެއް ބޭނުން ނުވާ ކަމަށެވެ. ހަމައެކަނި ވިސްނަންވީ ﷲ ތަޢާލާގެ ރުހުން ހޯދުމަށް ކަމަށް ވެސް މެންކު ވިދާޅުވެފައިވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އާންމުން ވެސް އިޙްތިރާމާއި ލޯބި ކުރާ މުފްތީ މެންކަކީ ދީނީ ދައުވަތު ފެތުރުމުގައި ޙަރަކާތްތެރި ބޭކަލެކެވެ. ޚާއްޞަކޮށް މީސްމީޑިއާގައި ޝައިޚަކީ ، މުސްލިމުންނާއި ޣައިރު މުސްލިމުން ވެސް ހިމެނޭ ގޮތަށް އެތައް މިލިއަން މީހުން ފޮލޯ ކުރާ ބޭފުޅެކެވެ.