އުލު ބޭންދިޔަސް ، ކަތުރުން ކޮށާ ކާޅަށް ދިނަސް ސަރުކާރުން ކުރާ ވިޔާނުދާ ކަންތައްތަކުގެ ވާހަކަ ދެއްކުން ހުއްޓައެއް ނުލާނަން: އަދުރޭ
އުލު ބޭންދިޔަސް އަދި ކަތުރުން ކޮށާ ކާޅަށް ދިނަސް ދީނާއި ގައުމުގެ ޙައްޤުގައި ކުރާ މަސައްކަތުގައި ފަސްޖެހުމެއް ނެތް ކަމަށާއި ސަރުކާރުން ކުރާ ވިޔާނުދާ ކަންތައްތަކުގެ ވާހަކަތައް ހުއްޓާ ނުލާނެ ކަމަށް ޕީއެންސީގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
"އަދުރޭ ފުލެޓް ގަތް މައްސަލަ އަލުން ބެލުމަށް ނިންމައިފި" ކަމަށް މީޑިއާގައި ގެނެސްދީފައިވާ ޚަބަރެއްގެ ވާހަކަ ބަޔާން ކުރަމުން އަދުރޭ ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ " ބަލާނެ ވަރަކަށް މައްސަލަ ބަލަންވީ" ކަމަށާއި އަދި "އިތުރު މައްސަލަ އުފައްދައިގެން ވެސް ބަލަންވީ" ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަދުރޭ ގަތްކަމަށް ބުނާ ފުލެޓްގެ މައްސަލައަކީ މީގެ ކުރީން އޭސީސީން ބަލާ ނިމިފައިވާ މައްސަލައެކެވެ.
ކޮވިޑް19 އާއި ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވުމާއެކު ، ކޮރަޕްޝަނާއި ދެކޮޅަށް އަދި ރާއްޖޭގައި އެހެން ގައުމުތަކުގެ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅުންނާއި އާންމުންގެ ގިނަ ބަޔަކު މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އިދިކޮޅު ސިޔާސީ ވެރީންނަށް ގިނަ ގުނަ ފިއްތުންތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ.
އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާއި ކައުންސިލްގެ މެމްބަރުން ފުލުހަށް ޙާޟިރުކޮށް ޖޫރިމަނާ ކުރަމުން ދަނީ އެ ބޭނުމުގައި ކަމަށް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ.