ޚަބަރު

އެމްޑީޕީގެ އިސް ފަރާތާއިމެދު ސުވާލު އުފެދިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ސަން

ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ އެންމެ އިސް ބޭފުޅަކީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް، އެޕާޓީގެ ޗެއާޕަރސަން ޙަސަން ލަތީފު ވިދާޅުވުމުން އެކަމާއި ގިނަ ބަޔަކު ސުވާލު އުފައްދައިފިއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އަމިއްލަ މަސްހަލަތު އިސް ކޮށްގެން ބަދަލު ހިފުމުގެ ރޫހެއްގައި ޕާޓީ ގުރުބާން ކުރައްވައިގެން ކަމަށާއި އެއީ "ޣައްދާރުވުން" ކަމަށް ބުނެ އެކަން ޕާޓީގެ ފަރާތުން ހުއްޓުވައި ދިނުމަށް އެދި އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ ފޮނުއްވި ސިޓީގެ ޖަވާބުގައި ހަސަން ލަތީފު ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރައީސްގެ މަގާމަކީ، ޕާޓީގެ އެންމެ އިސް މަގާމު ކަމަށާއި އަދި ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަަމަށެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދުގެ ވިސްނުންފުޅު އެ ޕާޓީގެ އާންމު މެންބަރުންނާ ހިއްސާ ކުރެއްވުމާއި އެ ވިސްނުންފުޅާއި އެއްގޮތަށް ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގެވުމުގެ އިސް ދައުރު އަދާ ކުރެއްވުމަކީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މަގާމުން އަމިއްލަފުޅަށް އެކަހެރިވެ ވަޑައިގަތުމަށް ދަންނަވަން ރައީސް ނަޝީދު ވަނީ ޙަސަން ލަތީފަށް އެދިލައްވާފައެވެ. އެކަމާއި ގުޅޭގޮތުން ޙަސަން ލަތީފު ވިދާޅުވެފައިވަނީ އެމައްސަލައިގައި ރައީސް ނަޝީދު ޕާޓީގެ އުސޫލުތަކާއި ހިލާފަށް ޕާޓީގެ ވަސީލަތްތައް ބޭނުން ނުކުރައްވާ ކަމަށާއި ފައްޔާޒު މަގާމުން އެކަހެރިވެ ވަޑައިގަތުމަށް ދެންނެވުމަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ފޯރުވުން ކަމަށް ނުދެކޭ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!