ކޮވިޑް-19: އާއްމު ޚިދުމަތްދޭ 207 ތަނަކާއިމެދު ފިޔަވަޅު އަޅައިފި
ރާއްޖޭގައި ވެސް ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޢާއްމު ޚިދުމަތްދޭ ތަންތަން މޮނީޓަރ ކުރުމަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި، 2900 ތަނެއް ބަލައި 207 ތަނަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއީ މި އިސްޕެކްޝަންގެ ތިންވަނަ ބުރެވެ. މިފަހަރުގެ އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ ނިމިދިޔަ އޮގަސްޓު މަހުގެ 25 އިން މިސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގަައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ އަޙްމަދު ނާސިރު ވިދާޅުވީ މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި އިންސްޕެކްޝަންގައި މާލެއިން 2420 ތަނެއް ބަލައި 182 ތަނަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށާއި ހުޅުމާލެއިން 416 ތަނެއް ބަލައި 23 ތަނަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި ވިލިމާލެއިން 64 ތަނެއް ބަލައި ދެ ތަނަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ވެސް ނާސިރު ވިދާޅުވެފައިވެއެވެ.
މިބޮޑު އިންސްޕެކްޝަން ގައި 2228 ފިހާރައެއް ބަލައި، އޭގެ ތެރެއިން 93 ފިހާރައަކާއި މެދު ފިޔަވަޅު އަޅާފައިވެއެވެ. ކާބޯތަކެތީގެ ޚިދުމަތްދޭ 529 ތަނެއް ބަލާފައިވާއިރު އޭގެ ތެރެއިން 83 ތަނަކާއިމެދު ފިޔަވަޅު އަޅާފައިވެއެވެ. ނާސިރު ވިދާޅުވި ގޮތުގައި 12 މާރުކޭޓެއް ވެސް މިއިންސްޕެކްޝަން ގައި ބަލާފައިވެއެވެ.
މީގެ އިތުރުން 101 ސެލޫނެއް ބަލައި 31 ތަނަކާމެދު ފިޔަވަޅު އަޅާފައިވާއިރު 30 ޖިމް ވެސް އިންސްޕެކްޝަންގައި ބަލާފައިވާކަމަށް އެޗްޕީއޭގެ ޑިރެކްޓަރ ނާސިރު ވިދާޅުވިއެވެ.