ކޮވިޑް-19: ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވޭތޯ ބަލަން އޮފީސްތައް އިންސްޕެކްޓު ކުރަނީ
ކޮވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވޭތޯ ބަލަން އޮފީސްތައް އިންސްޕެކްޓް ކުރަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެއެޖެންސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑާއި ގުޅިގެން އެޗްޕީއޭ އިން އާއްމުކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލު ކުރަމުން ގެންދޭތޯ ބެލުމަށްޓަކައި، ސަރުކާރުގެ އެހެނިހެން އިދާރާތައް ގުޅިގެން މިހިނގާ ސެޕްޓެމްބަރު މަހުގެ 20 ވަަނަ ދުވަހުން ފެށިގެން ގްރޭޓާ މާލޭ ސަރަހައްދުގައި އިންސްޕެކްޝަނެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
މިއިންސްޕެކްޝަން ގައި ސަރުކާރުގެ އޮފީސްތަކާއި، ޕްރައިވެޓް އޮފީސްތަކުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ރެންޑަމްކޮށް އިންސްޕެކްޓު ކުރުމަަށް ހަމަޖެހިފައިވާ އާންމު ހިދުމަތްދޭ ތަންތަނުން އެ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަމުން ދޭތޯ ބަލާނެ ކަމަށް ވެސް އެއިއުލާނުގައި ބުނެފައިވެއެވެ.
އުސޫލާއި ހިލާފަށް ހިންގާ ތަންތަން މިއިންސްޕެކްޝަންގައި ވެސް ފާހަގަކޮށް ފިޔަވަޅު އަޅާނެ ކަމަަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
އެގޮތުން އެޗްޕީއޭ ގެ ގައިޑްލައިން ތަކާއި ޚިލާފު ވެއްޖެނަމަ ފުރަތަމަ 48 ގަޑިއިރަށް ތަން ބަންދު ކުރާނެ ކަމަށާއި އެކަން ތަކުރާރު ކޮށްފިނަމަ 72 ގަޑިއިރަށް ބަންދުކޮށް 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.