ދެން ފުރަމަލަ

ނުޒޫ: ދާއިރާގައި ކިތަންމެ އުހުގައި ފިޔަޖެހި ނަމަވެސް، ނުހަނު ހިތްތިރި ތަރިއެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"އެކައްޗެއް ނެތަސް އޮންނާނެ ބަނޑެއް ބޯ އަޅާނެ"

Ads by Sosun Fihaara

ދިވެހި ފިލްމު "ލީނާ" ގެ މިޑަޔަލޮގަކީ އެތައްބަޔަކު ދަންނަ، އަދި އެތައްބައެއްގެ ތަރުޙީބު ވެސްް އެހާމެ ލިބުނު ޑަޔަލޮގެކެވެ. އެފިލްމުގައި މިޑަޔަލޮގުތައް އެންމެ އިންސާފުވެރިކޮށް ކިޔާލާ، މީހުންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދިނީ އެފިލްްމުގައި ވަރަށް މުހިންމުު ރޯލެއް ކުޅެފައިވާ ނުޒުޙަތު ޝުޢައިބު، އާއްމު ނަމުންނަމަ "ނުޒޫ" އެވެ.

"ދެން ފުރަމަލައިގެ" މިފަހަރު މިގެނެސްދެނީ މަޝްހޫރު އެކްޓްރެސް ނުޒްޙަތު ޝުޢައިބު ގެ ޚާއްސަ ބަސްދީގަތުމެކެވެ. ފިލްމީ ދާއިރާގައި މިހާރު އެންމެ ކުރީ ސަފުގައި ފިޔަ ޖަހަމުން އަންނަ ނުޒޫ ގެ ބަސްދީ ގަތުމެއް ލިޔެލަން ލިބުންވީ ހަމަޔަގީނުން ވެސް އަޅުގަނޑަށް ލިބުނު އުފަލަކަށެވެ.

ނ. މަނަދޫ އަށް އުފަން ނުޒޫ އެންމެ ފުރަތަމަ މަސައްކަތް ކުރީ ޑާންސް ގްރޫޕެއްގައެވެ. ފިލްމު ކުޅެން ލިބެމުންދިޔަ ފުރުސަތުތަށް ފުރަތަމަ ދޫކޮށްލި ނަމަވެސް ފަހުން މިދާއިރާގެ އަޖުމަ ބަލާލަން މަސައްކަތް ކޮށްލަން ނިންމީ، ފިލްމީ ތަރި އަލީ އާޒިމް (ދޮން އައްޔަ) މަގުފަހިކޮށް ދިނުމުންނެވެ.

"އެއީ ދިވެހި ފިލްމު 'މަލިކާ' އިން، އެފިލްމުގެ ޝޫޓިންގ ފެށުނީ 2016 ވަނަ އަހަރުގައި. ފިލްމު ރިލީޒްވީ 2017 ގައި. ދާއިރާއަށް ވަންްނަން ފުރަތަމަ މަގުފަހި ކޮށްދިނީ ދޮން އައްޔަ. އޭނަ ބުނީ އެފިލްމު ކުޅެންވީ ނޫންހޭ. ކުރިންވެސް ވަރަށް ބައިވަރު އޮފާރސް ލިބުން އެކަމަކު ޑާންސް ގްރޫޕެއްގައި އުޅޭތީ ރެގިއުލާރ ކަލްޗުރަލްް ޝޯތަކެއް އޮންނާތީ ޓައިމެއް ނުދެވޭ. އެކަމަކު ފަހުން ފިލްމީ ދާއިރާގެ އަޖުމަ ވެސް ބަލާލާ ހިތުން ހުއްޓާ ދޮންއައްޔަ މިފިލްމުގެ ވާހަކަ ބުނީ. ދެން ދިޔައީ މީޓިންގ އަކަށް. ސެނީ މުސްތަފާ އާއި ކޮޕީ އިއްސެ އާއި މޫމިން ފުއާދާއި ބައްދަލު ކޮށްފަ، އެމީހުން އެދުވަހު ވަރަށް ގިނަ އެއްޗެހިތަކެއް ކިޔައިދިނީމަ، އެކަންކަން ޤަބޫލު ކުރެވިގެން ހިތަށް އެރީ ދާއިރާއަށް ވަންނަން" ނުޒޫ ބުންޏެވެ.

ނުޒޫ އަކީ ހަމަޔަގީނުން ވެސް ވަރަށް ކުޅަދާނަ މޮޅު އެކްޓްރެސް އެކެވެ. އޭގެ އެއް ހެއްކަކީ އެންމެ ހަތަރު އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރުވެސް އެންމެ ނަން ހިނގާ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާއެކު ނުޒޫ މަސައްކަތް ކޮށްފައިވުމެވެ.

އެގޮތުން ނުޒޫ މަސައްކަތް ކޮށްފައިވާ ބައެއް ޕްރޮޑިއުސަރ/ޑައިރެކްޓަރ ގެ ތެރޭގައި ހިމެނެނީ ޔޫއްޕެ، ސެނީ މުސްތަފާ، ޗިއްޕެ، ޝިނާން، ފައްތާހު، އިއްލެ އެވެ. ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ޑާކްރެއިން އެންޓަޓެއިންމަންޓާއި އައިފިލްމްސް އަށް ނުޒޫ އަކީ މިހާރު އާމޫނެއް ނޫނެވެ.

ދިވެހި ފިލްމީ ދާއިރާ އަކީ އެކި މީހުން އެކި ގޮތަށް ދެކޭ ދާއިރާއެކެވެ. މިދާއިރާގައި އުޅޭ ފަންނާނުންނާއި ބެހޭގޮތުން ވެސް އަރާފައިވާ އަޑުތައް މަދެއް ނޫނެވެ. ނަމަވެސް މިހާތަނަށް ނުޒޫ އާއި ބެހޭގޮތުން އެއްވެސް ނެގަޓިވް ވާހަކައެއް، އިވިފައެއް ނުވެއެވެ. އެއީ ސަބަބަކާއި ނުލައެއް ވެސް ނޫނެވެ. ނުޒޫ އަބަދުވެސް ފާހަގަ ވެފައިވަނީ ވަރަށް އަޚުލާޤު ރަނގަޅު، ނުރަނގަޅު އާދަތަކުން ދުރުވެގެން ހުންނަ އެކްޓެރެސްއެއްގެ ގޮތުގައެވެ.

"އަބަދުވެސް ޑިސިޕްލިން ހިފަހައްޓަން ބޭނުންވޭ. އަޅުގަނޑަކީ ބޭރުތެރޭގައި އެހާ އުޅޭ މީހެއްނޫން. ޝޫޓިންގ އަށް ދަނީ، ދެން ޝޫޓިންގ ތެރެއިން ދާން ޖެހޭ ތަންތަނަށް ދަނީ. އެކީގައި މަސައްކަތް ކުރާ މީހުންނާއި ވެސް ބައިންދަނީ ޕްރޮފެޝަނަލް ގުޅުމެއް، ހަޑި އެއްޗެހި ކިޔާ ނުހަދަން. އެންމެންނާ ވެސް ރީތިކޮށް ވާހަކަ ދައްކަނީ. ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ އެއްޗެއް މީހަކު ބުނި ކަމުގައި ވިޔަސް އެމީހަކަށް ވެސް ރައްދެއް ނުދެން. ފިލްމީ ދާއިރާގައި އެކަންޏެއް ނޫން. ކުރިން ޑާންސްކޮށް އުޅުނުއިރު ވެސް ޑިސިޕްލިން ހިފެހެއްޓިން، އެހެންވެ ކަންނޭނގެ މިހާ ހިސާބަށް އައި އިރުވެސް އެއްވެސް ނެގަަޓިވް އަޑެއް ނާރާ ހުރީ" ނުޒޫ ބުންޏެވެ.

އުމުރުން 16 އަހަރުން ފެށިގެން މަސައްކަތްކޮށް، އާމްދަނީ ހޯދަމުންދާ ނުޒޫގެ އެހެން ޚާއްސަ ކަމެއް ވެސް ވެއެވެ. އޭނާ އަކީ މީހުންގެ ފަރާތުން އަގުބޮޑެތި ހަދިޔާ ބޭނުންވާ މީހެއް ނޫނެވެ. ހަދިޔާއެއްގެ ގޮތުގައި އޭނާ އެންމެ ބޮޑަށް ބޭނުން ވަނީ އޭނަގެ ގާތްމީހުންނަށް ދޭ ނަސޭޙަތް އެމީހުން ޤަބޫލު ކުރުމެވެ. ނަމާދު ކުރުމަށެވެ.

"އަބަދުވެސް ބުނަން ޤަވާއިދުން ނަމާދު ކުރުމަށް. އިސްލާމްދީނުގެ ދެވަނަ ރުކުން އެއީ. މަރުވީމަ އެންމެ ފުރަތަމަ ކުރެވޭ ސުވާލުތަކުގައި ވެސް ހިމެނޭ ނަމާދާއި ބެހޭގޮތުން. އެހެންވެ ހަދިޔާއަކަށް ވެސް ބޭނުންވަނީ އެނަސޭޙަތްތައް އަޑުއަހަން.
އެންމެ ކުޑައިރުވެސް ބުނަން، ބޭނުމޭ އެންމެންވެސް އަޅުގަނޑާއިއެކީ ސުވަރުގެއަށް ދާން. އެހެންވެ، އެއީ އެންމެ ބޭނުންވާ ކަމަކީ.
އަނެއްހެން އެހެން ހަދިޔާއެއް ބޭނުމެއް ނޫން. ބޭނުންވާ އެއްޗެއް އަމިއްލަ ފައިސާއިން އަމިއްލައަށް ގަނެލީމަ ލިބޭ ހިތްހަމަޖެހުން މާބޮޑު" ނުޒޫ ބުންޏެވެ.

މިހާތަނަށް ނުޒޫ ކުޅެފައިވާ ފިލްމުތައް ވަރަށް ވެސް ތަފާތެވެ. އަދި އެހާމެ ހިތްގައިމު ވެސް މެއެވެ. އެ ކެރެކްޓަރ އަކަށް ވަނުމަށް އޭނާ ކޮންމެ ފަހަރަކު ވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން ޑާކްރެއިންގެ "ވާށޭ މަށާ އެކީ" ގައި ޒީލަގަދަ "ރޫނާ" ގެ ބައި ކުޅެން ވެގެން އޭނާ ވަނީ އެދުވަސްކޮޅު ގާތް މީހުންނާއި ވެސް އެފަދަ ޒީލަ ގަދަކޮށް ވާހަކަ ދައްކާފައެވެ.

"އަަލުގަނޑަކީ މީހުންނަަށް ނުބައި މީހެއް ނޫން. އެހެންވެ އެކެރެކްޓަރ އަށް ވަންނަން ވެގެން ގާތް އެކުވެރިންނާއި ވެސް އެދުވަސްކޮޅު ވަރަށް ރޫޑްކޮށް ވާހަކަ ދެއްކީ. އެމީހުން ކައިރީ ކުރީ ބައިގަ ބުނިން މިކަހަލަ ކަމެއްގައޭ މިއުޅެނީ. ނަސީބަކުން އެކަކު ވެސް ރުޅިއެއް ނާދޭ" ވަރަށް އެކުވެރިކަމާއެކީ ނުޒޫ ކިޔައިދިނެވެ.

ފިލްމު "ނީނާ" ގެ ޝޫޓިންގ އަށް ވެސް ނުޒޫ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މާޝަލް އާޓްސް ދަސްކުރުމުގެ އިތުރުން ނުޒޫ ވަނީ އެފިލްމުގައި އޭނާގެ ކެރެކްޓަރ ފުރިހަމައަށް ގެނެސްދޭން ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ.

"ނީނާ ކުޅުނުއިރު އަޅުގަނޑަށް ޖެހުނީ އަޅުގަނޑުގެ އަމިއްލަ ނަފްސުގައި ފޮރުވާފައި ހުރި ބައެއް ނެރެން. އެބައި ނެރުނިން. އެކަމަކު އޭގެ އަސަރު ކުރިވަރުން ސެޓު ތެރޭގައި އަސްލަށް ވެސް ވަރަށް ބޮޑަށް ރޮވުން"

ކޮންމެއަކަސް ނުޒޫގެ ކާމިޔާބީގެ ފަހަތުގައި ވެސް ބަޔަކު ވާނޭކަން ކަށަވަރެވެ. އެގޮތުން ޝުކުރުގެ ލިސްޓުގައި ވެސް އޭނާ ވަނީ ބައެއް މީހުންގެ ނަންތައް ފާހަގަ ކޮށްލާފައެވެ.

"އާއިލާ އާއި ފިރިމީހާ އަދި ގާތް އެކުވެރިންގެ އިތުރުން ދާއިރާ ތެރެއިން ފާހަގަ ކޮށްލަން ދޮން އައްޔަ، އޭނަ މިދާއިރާއަށް ނެރެދިނީ. ދެން ޖުމަލް، ސޭންޑީ، ޖުމާ، ނިއުމާ، ރިޝްފާ، އައްޒަ، ރިޝްމީ، ރަވީ، އިއްލެ، މޮގާ، ފުބޫ، ކާއްޓޭ، މިއެންމެންނަކީ ވެސް ނުޒޫ އަށް ފުރުސަތުދިން، ފުރުސަތު ހޯދައިދިން މީހުން. މީގެ އިތުރުން ވެސް އަޅުގަނޑުގެ ކާމިޔާބީގެ ފަހަތުގައިވޭ ބައިވަރު ފަންނާނުން. މިއެންމެންނަަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން، އެންމެންގެ ނަންތައް ނުކީ ހުރިކަމުގައި ވިޔަސް ހުރިހާ އެންމެން ވެސް ކޮށްދިން ކަންތައްތައް ހިތުގެ އެންމެ އަޑިން ޤަބޫލުކުރަން" ނުޒޫ ބުންޏެވެ.

"ދެން" ގެ ފަރާތުން ވެސް އެދެނީ ނުޒޫ އަށް އަދަށްވުރެ ފާގަތި މާދަމާއެއް އަބަދުވެސް ލިބުމެވެ.

Ads by HDC
  1. ހަސަން

    އައުރަ ނިވާނުކުރާ މީހާއަށް ސުވަރުގޭގެ ވަސަވެސް ނުފޯރާނެ. ހިލޭ ފިރިހެނުން ކުރިމަތީ ނެށުން އިސްލާމް ދީން ހުއްދައެއް ނުކުރޭ. ހެޔޮ ވިސްނުން ދެއްވާށި.

  2. އަލީ ނަޒީރު

    ކޮންތާކު އުހުގަތޯ ފިޔަޖަހަނީ، އަދި ގައިމުވެސް ތިކަން ނޭނގޭ އަޙޫންނަކަށް. ކިތައް އެވޯޑް ހޮދީތަ ތި ކުއްޖާ އުހުގަ ހުރެގެން. ހަމ އަހާލީ

  3. ލަތީ

    ކިތިަންމެ މޮޅު ވަހަކައެއް ދެއްކިޔަސް ތި ބުނާ ތަނަށް ދެވޭނީ ތި ގެންގުޅޭ ނަށަ ގުރޫޕު ދޫކޮށް އައުރަ ފޮރުވިގެން ދެއްތޯ

  4. އައްޒަ

    ދޮގު ހެދުމަށްވުރެން ގޯސް ސިފައެއް ނުދެކެމެވެ. ދައިރާގެ މަސއްކަތް ނާގާފައި ކުއަންޓިޜީއަށް ވުރެން ކޮލިޓީއަށް ވިސްނަމެ ބުނެ ކިތައް މީހުންނަށް ލަނޑުދިނިންތޯ ޖަވާބުު ދިންނަމަ ވަރަށް ސަޅިވީސް