ޚަބަރު

އާންމު ޙާލަތަށް ރުޖޫޢަ ވެވޭނީ ވެކްސިނެއް ލިބިގެން: ޑރ. ޝީނާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް ރޯގާ ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން އަދި މާ އަވަސް ކަމަށާއި އާންމު ހާލަތަށް ރުޖޫޢަ ވެވޭނީ ވެކްސިނެއް ލިބުމުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

Ads by MWSC

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކު، ބަލި ފެތުރޭ މިންވަރު "ގްރީން ޒޯން" ގައި ބަހައްޓަން މުހިއްމު ކަމަށާއި ބަލީގެ އިންކިއުބޭޝަން ޕީރިއަޑް (14 ދުވަސް) ގްރީން ޒޯނުގައި ބަހައްޓައިގެން މެނޭޖްކުރެވިއްޖެނަމަ، ބަލި ފެތުރޭ މިންވަރު ދަށްވެގެން ދާނެ ކަމަށެވެ.

ރާއްޖެއިން ކޮވިޑަށް ފައްސިވީ މީހުންގެ އަދަދަށް ބަލާލާއިރު މިދިޔަ މަހުގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް މިބައްޔަށް 100 އަށްވުރެ ގިނަ މީހުން ވަނީ ފައްސި ވެފައެވެ. ނަމަވެސް ފަހަކަށް އައިސް މިއަދަދު ވަނީ ބޮޑުތަނުން މަދުވެ، ބައެއް ދުވަސް ދުވަހު 50 އަށް ވުރެ ވެސް ތިރިވެފައެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރިން ބުނެފައިވަނީ، މިބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެވޭނީ ބަލީގެ އާރްއޯ (ފެތުރޭ މިންވަރު) އެކަކަށް ވުރެ ދަށްކުރެވިގެން ކަމަށެވެ.

ޑރ. ޝީނާ ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުގައި ވެސް ކުރީގެ އާންމު ހާލަތަށް ދެވޭނީ، ވެކްސިނެއް ލިބިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެންމެފަހުގެ ލަފާކުރުންތަކަށް ބަލާއިރު، ވެކްސިނެއް އެންމެ އަވަހަށް ވެސް ލިބޭނީ މި އަހަރުގެ ނޮވެމްބަރު މަހުގައި ކަމަށް ޑރ. ޝީނާ ވިދާޅުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!