ކޮވިޑް19: އިންޑިއާގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔަކު މަރުވެއްޖެ

އިންޑިއާގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބާލަސްބަރްމާނިޔަމް ކޮވިޑް19 ޖެހިގެން މަރުވެއްޖެއެވެ.
74 އަހަރުގެ ބާލަސްބަރްމާނިއަމްއަށް ކޮވިޑް ޖެހުނުކަން އެނގުނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ކޮވިޑް ޖެހި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ އިއްޔެ އެވެ.
އިންޑިއާ ސަރުކާރުން ދޭ ޝަރަފްވެރިކަމުގެ އެވޯޑްތަކުގެ ތެރެއިން ހަތަރުވަނަ އަށް އެންމެ މަތީ އެވޯޑްކަމަށްވާ ޕަދްމާ ޝްރީ އެވޯޑް ހޯދާފައިވާ ބާލަސްބަރްމާނިއަމް ވަނީ އިންޑިއާގެ ގައުމީ އެވޯޑް ވެސް ހަފަހަރު ހޯދާފައެވެ. އޭނާ ވަނީ ތެލުގޫ،ޓަމިލް،ކަންނަޑާ އަދި މަލަޔާލަމް އާއި ހިންދީ ހިމެނޭ ގޮތުން 15 ބަހަކުން 40،000 އަށް ވުރެ ގިނަ ލަވަ ކިޔާފައެވެ.
1966 ގައި މިޔުޒިކްގެ ދާއިރާގައި ހަރަކާތްތެރިވާން ފެށި ބާލަސްބަރްމާނިއަމް ވަނީ ލަވަކިޔުމުގެ ވަރުގަދަ ރެކޯޑެއް ވެސް ހަދާފައެވެ. އެގޮތުން 21 ގަޑިއިރުގެ ތެރޭގައި އޭނާ ވަނީ 12 ލަވައިގެ ރެކޯޑިން ފުރިހަމަ ކޮށްފައެވެ.
މިޔުޒިކީ ދާއިރާގެ އިތުރުން އެކްޓިންގައި ވެސް ހަރަކާތްތެރި ބާލަސްބަރްމާނިއަމް ވަނީ 70 އަށްވުރެ ގިނަ ފިލްމް ކުޅެފައެވެ.