މީހަކު ބަހައްޓާހާ ހިސާބެއްގައި ހުރުން ލާޒިމެއް ނޫނެވެ.
ޒަމާން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.
އެއްދުވަސްވަރެއްގައި އެކުގައި ހީ ސަމާސާކޮށް، ސަލާން ގަލާންކޮށް، އެކުގައި ތަންތަނަށް ޒިޔާރަތްކޮށް އެކިއެކި ކަންކަމާއި ބެހޭގޮތުން ވާހަކަ ދެއްކި އެކުވެރިންނާއި ގާތް މީހުން، މިހާރު ކޮބައި ހެއްޔެވެ؟
އިންސާނަކު ބަދަލުވާން ފަޅި ސިކުންތެއް ވެސް ނުނަގާނޭ މީހުން ބުނެ އުޅެނީ އެހެންވެއެވެ.
ފަހަރުގައި ތިމާއަށް އެމީހަކު މުހިންމު ވެދާނެއެވެ. އެމީހަކަށް ލިބިދާނެ ދެރައަކަށް ވިސްނާ، ހުރިހާ ކަމެއްގައި ވެސް އެމީހަކާއިއެކު ހުންނަން ބޭނުން ވެދާނެއެވެ. އެމީހަކަށް ދެރައެއް، ގެއްލުމެއް ލިބެން ނޭދޭތީ، އޭނާ ތިމާއާއި ފަހުން މާބޮޑު ގުޅުމެއް ނުބޭއްވިޔަސް، އެމީހަކަށްޓަކައި ހުންނަން ބޭނުން ވެދާނެއެވެ. އަދި އެކަން އޭނާއަށް ވެސް އެނގޭ ކަމަށް ވެދާނެއެވެ.
ނަމަވެސް ވިސްނާލާށެވެ. ތިޔައީ ކިހާ ބޭކާރު ކަމެއް ހެއްޔެވެ؟ އޭނާއާއި ތިމާ އެވަރަށް ވާހަކަ ދައްކަން އުޅޭއިރުވެސް، އޭނާ އެހާ ސަމާލުކަމެއް ނުދޭއިރު ތިމާ އޭނާ ފަހަތުން ތި ދުވަނީ ކީއްކުރަން ހެއްޔެވެ؟ އެއްޒަމާނެއްގައި އޭނާ ތިމާއާއެކު ޖެހި ސަކަރާތްތައް ހަނދުމަކޮށް ހިނިތުންވެލާފައި، މިހާރު އޭނާ ތިމާ ދުރުކޮށްފައި ހުންނައިރު ކަރުނަ އަޅާ ތިޔަ ރޮނީ ކީއްކުރަން ހެއްޔެވެ؟
އެމީހަކު ތިމާއާއި ދޭތެރޭ ނުވިސްނާ ވަރަކަށް ތިމާވެސް އެމީހަކާއި ދޭތެރޭ ނުވިސްނާށެވެ. އޭނާ ވާހަކަ ނުދައްކަން އުޅޭއިރު އަމިއްލައަށް އިސްވެ ވާހަކަވެސް ނުދައްކާށެވެ. އެެއްވެސް މީހެއްގެ އެހާ ދަށުވާކަށް ނުވާނެއެވެ. ދަށުވާކަށް ނުވެސް ޖެހެއެވެ. އެއަށްވުރެ ތިމާ އަމިއްލަ ނަފްސުދެކެވާ ލޯބި ވަރުގަދަ ކުރަން ވާނެއެވެ.
މީހަކު ބަހައްޓާހާ ހިސާބެއްގައި ނުހުންނާށެވެ. ވަކި ހިސާބެއްގައި ބަހައްޓަން އުޅޭނަމަ، އެމީހަކާއި ދުރަށް ދުއްވައިގަންނާށެވެ.
މި ނޫހުގަ ލިޔެފަ ހުއްނަ އެއްޗެހި ކިޔަން ވ އުނދަގޫ.
އަކުރުތައް އެއްވެފަ ހުންނަނީ