ތިމާގެ ދުލުން ނުޙައްޤުން އަނެކާއަށް ކިޔާ ކޮންމެ އެއްޗަކަށް އަގު ދައްކަން ޖެހޭނެ ދުވަހެއް އޮތްކަން ދަންނާށެވެ:ޝެއިޚް ޒައިދު

ޝެއިޚް ޢަލީ ޒައިދު ގެ ނަސޭޙަތުގެ ބަސްކޮޅެކެވެ.
ތިމާގެ ދުލުން ނުޙައްޤުން އަނެކާއަށް ކިޔާ ކޮންމެ އެއްޗަކަށް އަގު ދައްކަން ޖެހޭނެ ދުވަހެއް އޮތްކަން ދަންނާށެވެ.
މީގެއިތުރުން ޝެއިޚްގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ މީހުންގެ ޙައްޤު އެމީހުން މާފު ނުކުރަނީސް، މާތް ﷲ މާފެއް ނުކުރައްވާނެ ކަމަށެވެ.
އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ ހުންނަ އާދައެކެވެ. މީހުންނާއި ދިމާލަށް ހިތަށް އަައިހާ އެއްޗެއް ދުލުން ބޭރު ކޮށްލުމުގެ ނުބައި އާދައެވެ.
އެއީ ތިމާ ކުޑަކޮށް ނަމަވެސް ހިތްހަމަ ނުޖެހޭ މީހެއްނަމަވެސް، ނުވަތަ އެމީހަކާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި އެއްޗެކޭ ނުބުނަން ހުރެފައި ބުނާއިރުވެސް، ގިނަ ފަހަރަށް ބުނެވޭނީ ވަރަށް ވެސް ދެރަ، ބުނަން ނުވާ ކަހަލަ ބަސްބަހެވެ.
ތިމާ ކިތަންމެ ނުރުހޭ މީހެއް ނަމަވެސް އެމީހަކާއި ދިމާލަށް ދުލަށް އައިހާ އެއްޗެއް ބުނާކަށް ނުވާނެއެވެ. މިފަދައިން ކަންތައް ކުރުމުން އެމީހަކު ތިމާއާ ދޭތެރޭ ހިތްބުރަކޮށް، ހިތް ހަލާލު ވެސް ނުދީފާނެއެވެ. އެހެންކަމުން ދޫރައްކާތެރިކުރުމަށް އާދަ ކުރަން ޖެހެއެވެ.