ދެން އުފެދޭ ޕީޕީއެމްގެ ވެރިކަމުގެ ފުރަތަމަ ގަޑިއިރު ތެރޭގައި ރައީސް ސޯލިހުގެ ޕާސްޕޯޓް ހިފަހައްޓާނަން- އަބްދުއްރަހީމް އަބްދުﷲ
ދެން އުފެދޭ ޕީޕީއެމްގެ ވެރިކަމުގެ ފުރަތަމަ ގަޑިއިރުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފާސްޕޯޓް ހިފަހައްޓާނެ ކަމަށާ މި ސަރުކާރުން ހިންގާފައިވާ ހިޔާނާތްތަކުގެ މައްސަލަ ބަލާ ނިމުމުން ނޫނީ ރާއްޖެއިން ވަޑައިނުގެންނެވޭނެ ކަމަށް އިދިކޮޅު ލީޑް ކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން ހިންގަމުންދާ ހިޔާނާތްތައް ބަލާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހު އެ މަަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި ދައުލަތާ ރައްޔިތުންނަށް ހިޔާނާތްތެރިވުމަށްފަހު ސަލާމަތްވާނެ ކަމަށް ގަބޫލު ކުރުމަކީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށް ވެސް ވިދާޅުވިއެވެ.
އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ރޭ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރަކީ ރާއްޖެ ދުށް ދިވެހި ގައުމަށް އެންމެ ބޮޑަށް ހިޔާނާތްވީ ސަރުކާރު ކަމަށެވެ. އަދި ޕީޕީއެމްގެ ވެރިކަމެއް އުފެދޭއިރު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާނީ މިހާރުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާ މި ސަރުކާރުގެ ހުރިހާ ވެރިންގެ މައްސަލަތައް ބަލާނެކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ޕީޕީއެމްގެ ސަރުކާރެއްގައި ބަލާނީ މިއަދު މި ހިނގާ ސަރުކާރުން ހިންގާފައިވާ ހިޔާނާތުގެ މައްސަލަ. އެމައްސަލަ ދާނީ އަދުލް އިންސާފާ އެއްގޮތަށް ގާނޫނީ ހަމަތަކުގެ މަތިން. ހަމަ އެއާއެކު ދަންނަވާލަން ބޭނުންވަނީ މައްސަލަތައް ބަލާ ނިމުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޭރަށް ފުރައިގެން ނުދެވޭ ގޮތަށް އެންމެ ފުރަތަމަ ދުވަހު އަޅުގަނޑުމެން ކަނޑައަޅާނަން. އެއީ ޕާސްޕޯޓް ހިފަހައްޓައިގެން ކަމަށްވަންޏާ އެކަންވެސް އަޅުގަނޑުމެން ކުރާނަމޭ،"
މީގެ އިތުރުން ވެސް އަބްދުއްރަހީމް ވަނީ ސަރުކާރުން ހިންގާ ހިޔާނާތުގައި ޝާހިދަކީ އިސް ބޭފުޅެއް ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރަހީނުކުރި މައްސަލަ އަލުން ބަލާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސް ނަޝީދުގެ މައްސަލަ ވެސް ޕީޕީއެމްގެ ސަރުކާރުގައި ބަލާނެ ކަމަށް ވިދާޅުވެފައެވެ.
"އަބްދުﷲ ޝާހިދަށް އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ މަނިކުފާނަށް ހަމަ ހިލާ ނުކެރޭނޭ އަޅުގަނޑުމެންގެ ސަރުކާރެއްގައި ފިލާ ރައްކާވާކަށް. ހަމަ ހިލާ ނުކެރޭނޭ. ކެނެރީގޭ މުހައްމަދު ނަޝީދަށް ދަންނަވާލަން ބޭނުންވަނީ މަނިކުފާނާ ދޭތެރޭ އަޅުގަނޑުމެން އެންމެ ފުރަތަމަ ބަލާނެ މައްސަލައަކީ އަބްދުﷲ ގާޒީ ހިފާ ހައްޔަރުކުރި މައްސަލަ. އަލުން އަޅުގަނޑުމެން އެ މައްސަލަ މުރާޖައާ ކުރާނަމޭ، މަނިކުފާނުގެ މައްސަލަ ބަލާ ނިމެންދެން ހުންނަވަން ޖެހޭނީ ރާއްޖޭގައި. އަޅުގަނޑުމެން ވެރިކަމުގެ ހުވާ ކުރާތާ ފުރަތަަމަ ގަޑިއިރުގެ ތެރޭގައި ތި ހުރިހާ ބޭފުުޅުންގެ ޕާސްޕޯޓް ހިފަހައްޓާނަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ހީވަނީ މި ވެރިކަމެއްދެން ނުފެންނާނެހެނޭ
ބީބީ