ދީން

ގޭގައި ތިބެން ޖެހުނަސް ރޯދަމަހުގެ އަޅުކަންތައް ބަރާބަރަށް އަދާ ކުރައްވާ: ހުތުބާ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން މިސްކިތުގައި ނަމާދުތައް ކުރުން މެދު ކަނޑާލާފައިވީ ނަމަވެސް މިފަދަ މާތް މައްސަރެއްގައި އަޅުކަން ކުރުން ދޫކޮށްނުލުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

Ads by MWSC

މިއަދު ފެށުނު ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ރާއްޖޭގެ އެއްވެސް ރަށެއްގައި މިސްކިތުގައި ކޮށްފައިނުވާއިރު، ހުކުރު ހުތުބާ އިއްވެވީ އިސްލާމީ މަރުކަޒުން ޓީވީތަކާއި އޮންލައިން ވަސީލަތްތައް މެދުވެރިކޮށެވެ.

ރޯދަމަހާއި އަޅުކަމުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ މިފަހަރުގެ ރޯދަމަސް ކުރިމަތިލާން ޖެހިފައި މިވަނީ، މުޅި ދުނިޔެއަށްވެސް ދަތި ހިތާމަވެރި ދުވަސްވަރެއްގައި ކަމަށާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހިފައިވާ ފިޔަވަޅުތަކުގެ ސަބަބުން މި މައްސަރުގައި އިޖުތިމާއީ ގޮތުންނާއި ދީނީ ގޮތުން މުސްލިމުން އެއްތަންވެ ކުރާ އެތައްކަމެއް ހުއްޓިފައިވާ ކަމަށެވެ.

އެގޮތުން ގާތްތިމާގެކަން ބަދަހި ކުރުމަށްޓަކައި ގޭގެއަށް ޒިޔާރަތް ކުރުމާއި، ސަވާބާއި ދަރުމަ ހޯދުމަށް އެއްބަޔަކު އަނެއް ބަޔަކަށް ރޯދަ ވީއްލުމަށް ދައުވަތު ދިނުމާއި، ފަރުޟު ފަސް ނަމާދާއި ތަރާވީސް ނަމާދަށް މިސްކިތްތައް ފުރި ބާރުވެގެން ދިޔުން ފަދަ އެތައް ކަމަކުން އަޅުގަނޑުމެން މަހްރޫމް ވެފައިވާކަން މިއަދުގެ ހުތުބާގައި ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް ގޭގައި ފުރަބަންދުގައި ތިބެ، ބަރާބަރަށް ފަސް ނަމާދު ގާއިމްކޮށް، ސުންނަތް ނަމާދުތަކަށް ރައްކާތެރިވެ، ގުރުއާން ކިޔަވާ، ޒިކުރުކޮށް، ފައިދާ ހުރި ކަންކަމުގައި ވަގުތުތައް ހޭދަކޮށްފިނަމަ، މި މައްސަރުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ހާސިލްވެގެން ދިޔުމަކީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"ކުރިމަތިވެފައި މި ނުރައްކާތެރި ވަބާއިން ކެތްވެރިވެ، މުޅި އުންމަތް ސަލާމާތް ކުރުމަށް އެދި ދުއާ ކުރައްވާ، އަދި ކަމާ ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތައްކަށް ތަބާވެ، ނުރައްކާތެރިވަރަހުން ރައްކާތެރިވެ ތިބައްވާ." ހުތުބާގައި ނަސޭހަތްތެރިވިއެވެ.

އަދި މި މައްސަރުުގައި ހެޔޮއަމަލުކުރުން ގަދައަޅާ މަސައްކަތްކޮށް، ކުރިމަތިވެފައިވާ މި ތަދުމަޑުކަމުގެ މައްޗަށް ކެތްތެރިވެ، އިގްތިސާދު ކުުރުމަށް ވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

"މި ނުރައްކާތެރި ވަބާއިން ރާއްޖެއާއި މުޅި އިންސާނިއްޔަތު ސަލާމަތްކުރުމަށް އެދި ﷲ ހަޟްރަތުގައި އިބްތިހާލްވެ، ދުއާ ކުރުމަށް ގޮވާލަން،" ހުތުބާގައި ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!