ހިތަދޫން މީހަކު ކޮވިޑަށް ފައްސި ވެއްޖެ

ލ. ހިތަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހިތަދޫ ސިއްޙީ މަރުކަޒުން ބުނެފައި ވަނީ އެރަށުން ފައްސި ވެފައިވަނީ އުމުރުން 39 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ހިތަދޫ ކައުންސިލު ގެ ނައިބު ރައީސް އަހުމަދު ފައިސަލް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފައްސި ވެފައި ވަނީ މާލެއިން އެރަށަށް ގޮސް ކަރަންޓީނު ވީ ދެމީހުންގެ ތެެެރެއިން އެކަކު ކަމަށެވެ.
އެމީހާ ފައްސި ވެފައިވާކަން އެނގިފައިވަނީ، ކަރަންޓީނުގެ މުއްދަތު ހަމަވުމުން ނެގި ޓެސްޓުގެ ނަތީޖާއިން، މިރޭ ކަަމަށް ވެސް ފައިސަލް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑު މިރޭ އޭނާއަށް ގުޅައިގެން ވާހަކަ ދެއްކިން. އޭނަގެ ހާލު ރަނގަޅު، ބަލީގެ އެއްވެސް އަލާމާތެއް ވެސް ފެނިފައި ނުވާ ކަމަށް އޭނާ ބުނި. ކަރަންޓީނުގައި ހުރި މީހަކަށް ވާތީ އިތުރު މީހަކާ އޭނާއާއި ބައްދަލު ވެފައެއް ވެސް ނުވޭ. ކާން ވެސް ގެންގޮސް ބަހައްޓާފައި ދިޔައިމަ ކާއެއްޗެހި ނަގާ ގޮތަށް ޢަމަލު ކޮށްފައިވަނީ. އަންގާފައިވާ އުސޫލުން ބޭރުން އެއްވެސް ކަމެއް ކޮށްފައެއް ނުވޭ" ފައިސަލް ވިދާޅުވިއެވެ.