ކުރު މީހުންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑު - ދިރާސާ

އިސްކޮޅުން ކުރުކޮށް ތިބޭ މީހުންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ކޮވިޑް-19 ޖެހިފައިވާ މީހުން ހިމަނައިގެން، އެމީހުން ކެއްސާ ކިނބިހި އަޅާއިރު އެއާ ޑްރޮޕްލެޓްސް އާއެކު ވައިރަސް ދަތުރުކުރާ މިންވަރު ބެލުމަށް ސިންގަޕޫރުގައި ކުރި މި ދިރާސާގައި ދައްކާ ގޮތުން ކެއްސާ ކިނިބހި އަޅާއިރު ބޭރުވާ ވައިރަސް ވައިގެ ތެރޭގައި އިރުކޮޅަކު ހުރުމަށް ފަހު ވެއްޓެނީ ބިންމައްޗަށެވެ.
އަދި މިއީ ކުރު މީހުނަށް އެ ވައިރަހުގެ އަސަރު ކުރުމަށް އިތުރަށް މަގުފަހިވެގެންދާ ކަމެއް ކަމުގައި އެ ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.
ދިރާސާވެރިން ވަނީ ކުޑަކުދިންނާއި އިސްކޮޅުން 5 ފޫޓަށް ވުރެ ކުރު ފަރާތްތައް ކޮވިޑް-19 އަށް އިތުރަށް ސަމާލުވުމަށް އެދިފައެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މި ދިރާސާ ކޮށްފައިވަނީ ކޮމްޕިއުޓާ މޮޑެލެއް ބޭނުން ކޮށްގެން ކަމަށް ވުމާއެކު ނަތީޖާ އެންމެ ރަނގަޅު ނުވުމަކީ ވެސް ވެދާނެ ކަމެކެވެ. އަދި މި ދިރާސާ އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ކަންކަން ވެސް ބަލަންޖެހެއެވެ.