ޒަރޫރީ ބޭނުމަކު ނޫނަސް މާލެ ސަރަޙައްދުން ރަށްރަށަށް ދާން ހުއްދަ ދީފި

ޒަރޫރީ ބޭނުމެއް ނެތަސް މާލެ ސަރަހައްދުން ރަށްރަށަށް ދެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހުއްދަދީފިއެވެ.
ރާއްޖޭގައި ވެސް ކޮވިޑް-19 ފެތުރެމުން ދިޔުމާއި ގުޅިގެން މާލެ ސަރަޙައްދުން އެހެން ރަށްރަށަށް ދެވެނީ އެޗްޕީއޭއިން ވަކި ޚާއްސަ ހުއްދައެއް ނަގައިގެން، ހަމައެކަނި ޒަރޫރީ ބޭނުން ތަކުގައެވެ. އަދި އެރަށަކަށް ގޮސް 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ.
ނަމަވެސް އެޗްޕީއޭ މިހާރު ބުނެފައި ވަނީ މިއަދުން ފެށިގެން ހުރިހާ ބޭނުމަކަށް ވެސް ރަށްރަށަށް ދެވޭނެ ކަމަށާއި ނަމަވެސް ކުރީގެ އުސޫލާ އެއްގޮތަށް ކަރަންޓީން ވާން ޖެހޭނެ ކަމަށެވެ.
ރަށްރަށަށް ދާ މީހުން ކަރަންޓީނު ވާން ޖެހުނު ނަމަވެސް ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް އޮފީސްތަކާއި ކުންފުނިތަކުގެ ފަރާތުން ކުރު މުއްދަތަށް ރަަށްރަށަށް ދާ މީހުން ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ. ކަރަންޓީނު ނުވެ ރަށެއްގައި އެންމެ ގިނަވެގެން ހުރެވޭނީ ފަސް ދުވަހަށެވެ.