ޚަބަރު

ވިލިނގިލީ ހޮސްޕިޓަލްގެ އެމްބިއުލޭންސުގައި އޮކްސިޖަން ނެތުމުގެ ސަބަބުން ބަލިމީހަކު ނިޔާވެއްޖެ

މަރްޔަމް ވަޙީދާ

ގއ، ގެމަނަފުށިން އެއަތޮޅު ވިލިނގިއްޔަށް ސީއެމްބިއުލޭންސްގައި ގެންދިޔަ ބަލިމީހަކު ނިޔާވީ އެމްބިއުލޭންސް ގައި އޮކްސިޖަން ނެތުމުގެ ސަބަބުން ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކަށް ވިލިނގިލީ ކައުންސިލުން ރައްދު ދީފިއެވެ.

ވިލިނގިލީ ކައުންސިލަރު ޙަބީބު ޙަސަން "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖެހިފައިވަނީ މުޢާމަލާތް ކުރުމުގެ މައްސަލައެއް ކަމަށާއި އެގޮތުން އެރަށުން ބަސް އެމްބިއުލޭންސުގައި ބަލިމީހާ ބަލާދިޔަ ޑްރައިވަރު ދިޔައީ ބަލިމީހާގެ ހާލަތާ ބެހޭގޮތުން ސީއެމްބިއުލޭންސް ދުއްވަން އިން ޑްރައިވަރު ގާތު ސުވާލު ކުރަމުން ކަމަށް ޙަބީބު ވިދާޅުވިއެވެ.

"މިރަށުގައި އޮންނަނީ ދެ ވައްތަރެއްގެ އެމްބިއުލޭންސެއް. އެމްބިއުލޭންސުން އޮކްސިޖަންގެ ޚިދުމަތް ލިބޭ އެމްބިއުލޭންސް ޚާއްސަ ކޮށްފައި އޮންނަނީ ހަމައެކަނި ކޮވިޑް-19 ގެ ބަލި މީހުންނަށް. ދެން އޮންނަ އެމްބިއުލޭންސްގައި ޖެހޭނީ ޕޯޓަބަލް އޮކްސިޖަން ގުޅަން. އެހެންކަމުން ސީއެމްބިއުލޭންސްގެ ޑްރައިވަރަށް މެސެޖު ކުރަމުން މިކޮޅުން އަހަމުން ގެންދިޔަ ކަމަށް އެބޭފުޅުން މައުލޫމާތު ދޭ ބަލި މީހާގެ ހާލަތު ކިހާ ސީރިއަސް ބަލި މީހެއްތޯ. ނަމަވެސް ސީއެމްބިއުލޭންސްގެ ޑްރައިވަރު ޖަވާބު ދީފައި ނުވާތީ އޮކްސިޖަން ނުގެންދޭ" ޙަބީބް ވިދާޅުވިއެވެ.

ޙަބީބް ވިދާޅުވީ ބަލިމީހާ ވިލިގިއްޔަށް ދިޔައިރު ވެސް ޙާލު ރަނގަޅު ކަމަށް އެބަލިމީހާގެ ދަރިފުޅާއި އަނބިމީހާ ވެސް ބުނެފައިވާ ކަމަށާއި އެހެން ކަމުން ނިޔާވީ އޮކްސިޖަން ނުލިބި، ނުވަތަ ހާލު ކްރިޓިކަލް ވެގެން ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. ނަމަވެސް އެގޮތް ނިންމާނީ ޑޮކްޓަރުން ކަމަށް ވެސް ޙަބީބު ވިދާޅުވިއެވެ.

"ސީއެމްބިއުލޭންސްގައި މިކޮޅަށް ގެނެސްފައި، އޮކްސިޖަން ނެތްކަން އެނގުމުން ވަގުތުން އަވަހަށް އަނެއްކާވެސް ސިއެމްބިއުލޭންސަށް ބަލިމީހާ ލާފައި އޮކްސިޖަން ގުޅި. ނިޔާވީ އޭގެ ހަމަ ކުޑަ ވަގުތު ކޮޅެއް ތެރޭގައި. ބަލިމީހާގެ ދަރިފުޅު ވެސް ބުނި ބައްޕަ އިނީ ހަމަ ރީއްޗަށޭ، ވާހަކަ ވެސް ދައްކަމުންނޭ އައީ" ހަބީބު ބުންޏެވެ.

މިކަމާއި ގުޅޭގޮތުން އަދި އިތުރު މައުލޫމާތެއް އެރަށު ހޮސްޕިޓަލުން ވެސް ލިބޭ ގޮތެއް ނުވެއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

  1. ކަރީމް

    ތިޔަ ވިދާޅުވި ވާހަކަ ހަބީބު ކުޑަ ކުދިންވެސް އަޑުއަހާފަ ހަމަ ހިނި އަންނާނެ. ބަލަ ބަލި މީހާ ގއ.ވިލިގިނލި ހޮސްޕިޓަލް ސީ އެމްބިއުލާންސް މެދުވެރިވެގެން އަންނާނީ ގއ ހޮސްޕިޓަލް ހުއްދަލިބިގެން. އަދި ބަލިމީހާގެ ހާލަތު ވަރަށް ރަގަޅަން އިގޭނެ އަތޮޅު ހޮސްޕިޓަލްއަށް. ގެމަނަފުށިން ބަލި މީހަކު ސީ އެމްބިއުލާންސް ގެއްދަން ހުއްދަލިބޭނީ އަތޮޅު ހޮސްޕިޓަލްގެ ޑޮކުޓަރުން ހުއްދަލިބިގެން.

  2. ުއިބްރާހިމް ކަލޯ

    ިޑްރައިވަރުންގެ ޒިންމާއެއްނޫން އެއީކީ. ގެމަނަފުށި ސިއްހީ މަރުކަޒުން މާހިރުބެގެ ހާލަތު އަތޮޅު ހޮސްޕިޓަލަށް ކިޔާދިން. އަދި ބޮޑު ނުވާ ދަރިން އެބަތިބި މާހިރުބެގެ. މުޅި ރަށަށް ކުއްކި ސިހުމަކާއި ހިތާމައެއް. ގެއްލިއްޖެ ފުރާނައެއް ނާއްނާނެ. އެހެނަސް މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަށް ހޮސްޕިޓަލުގެ ވެރިން ޒިންމާދާރު ވާން ޖެހޭ. މައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާނެ.