ޚަބަރު ރައްޔިތުންގެ މަޖިލިސް

އެއްގަމު އުޅަނދު އިންޝުުއާކުރަން ނުޖެހޭ ގޮތަށް ފާހެއް ނުވި، ބިލާ އެއްކޮޅަށް ވޯޓް ދެއްވީ 3 މެންބަރުން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެއްގަމު އުޅަނދު އިންޝުއާކުރަން ނުޖެހޭ ގޮތަށް އެއްގަމު އުޅަނދު ދަތުރުފަތުރާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ބޭރު ކޮށްލައިފިއެވެ.

Ads by MWSC

އެ ބިލު ފާސްކުރުމާ މެދު ގޮތެއް ނިންމުމަށް އިއްޔެ ނެގި ވޯޓުގައި ބައިވެރިވި 49 މެމްބަރުންގެ ތެރެއިން 46 މެމްބަރުން ވޯޓު ދެއްވީ ބިލު ފާސްކުރަން ނުފެންނަ ކަމަށެވެ. ބިލާ އެއްކޮޅަށް ވޯޓު ދެއްވީ ތިން މެމްބަރުންނެވެ.

އެ ބިލު އިސްލާހުކުރަން އަލުން ކޮމެޓީއަށް ފޮނުވުމާމެދު ނެގި ވޯޓުގައި ބައިވެރިވި 51 މެމްބަރުން ވޯޓު ދެއްވީ ބިލު އަނބުރާ ކޮމެޓީއަށް ފޮނުވަން ނުފެންނަ ކަމަށެވެ.

އެ އިސްލާހު ހުށަހެޅުއްވީ، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދެވެ.

އެއްގަމު އުޅަނދު ދަތުރުފަތުރާ ބެހޭ ގާނޫނު މިހާރު އޮތް ގޮތުން، ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވަން ވާނީ، ތާޑް ޕާޓީއަކުން އިންޝުއަރެންސް ކޮށްފައިވާ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި އެ ކަން ކުރަނީ، އެ އުޅަނދެއް އެކްސިޑެންޓް ވެގެން ގެއްލުން ލިބޭ މީހަކަށް ނުވަަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން ކަމަށް އެ ގާނޫނުގައި ބުނެއެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވީ، އެ ގާނޫނުގެ 69 ވަނަ މާއްދާ، އިންސުއަރެންސް ނަގަން ބުނެފައި އޮންނަ މާއްދާ އުވާލުމަށެވެ.

ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި އޭނާ ބުނެފައި ވަނީ، އުޅަނދުތައް އިންޝުއަރެންސް ކުރެވުމުން ދިޔަ ނަމަވެސް، އެކްސިިޑެންޓްތަކުގައި އިންޝުއަރެންސް ލިބެމުން ނުދާ ކަމަށެވެ. އަދި ރައްޔިތުންގެ އަތުން އަހަރަކު އެތައް އެތައް މިލިއަން ރުފިޔާއެއް އިންޝުއަރެންސް ކުންފުނިތަކުން ނަގަމުންދާއިރު، އެކަމުގެ ސަބަބުން ސަރުކާރަށް ވެސް އަދި ރައްޔިތުންނަށް ވެސް އެއްވެސް މަންފާއެއް ލިބެމުން ނުދާ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އެހެން ކަމުން އެފަދަ ކަމެއް ކުރުމަށް އެ ގާނޫނުން ލާޒިމް ކޮށްފައި އޮތުމަކީ، ބަލައިގަންނަން ދަތި އަދި ރައްޔިތުންނަށް ގެއްލުން ލިބޭ ކަމެއް ކަމަށް ބިލުގައި ބުނެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!