ކުރިތީ ވެސް ކޮވިޑަށް ފައްސި ވެއްޖެ

ޝޫޓިންގ ތެރޭގައި އުޅެނިކޮށް ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ކްރިތީ ސަނޮން ވެސް ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ކްރިތީ ކޮވިޑަށް ފައްސިވީ ރާޖުކުމާރު ރާއޯއާއެކު ފެނިގެންދާނެ ފިލްމެއްގެ މަސައްކަތުގައި ހުއްޓައެވެ. އެހެންކަމުން އެފިލްމުގެ މަސައްކަތް މިހާރު ވަނީ މެދުކަނޑާލާފައެވެ.
ކޮވިޑަށް ފައްސިވުމުން ކްރިތީ މިހާރު ހުރީ އެނބުރި މުމްބައި އަށް ގޮސް އެކަހެރިވެފައެވެ.
މީގެ ކުރިން ކްރިތީ ވަނީ އޭނާގެ އިންސްޓަގުރާމު އެކައުންޓްގައި ފޮޓޯއެއް ހިއްސާކޮށް ޝޫޓިން މެދު ކަނޑާލުމަށްފަހު އެނބުރި މުމްބާއީއަށް ދާ ވާހަކަ ބުނެފައެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ކަމަށް ކްރިތީ އޭރު ބުނެފައެއް ނުވެއެވެ.
އެންމެންނާ ވެސް އެކުވެރި މިޒާޖެއް ގެންގުޅޭ ކަމަށް ފާހަގަ ވެފައިވާ ކްރިތީ އެންމެ ފުރަތަމަ ފެނިފައި ވަނީ ޓައިގާ ޝްރޯފް އާއެކު ފިލްމު "ހީރޯޕަންތީ" އިންނެވެ.
ކްރިތީ ވެސް މިހާރު ކޮވިޑަށް ފައްސި ވެފައިވާއިރު، މި މަހުގެ ކުރީކޮޅުގައި ފިލުމު ''ޖުގް ޖުގް ޖިއޯ''ގެ ޓީމު ޗަންދިގަރުގައި ޝޫޓިންގައި އުޅެނިކޮށް އެފިލުމުގެ ލީޑު އެކްޓަރުން ކަމަށްވާ ވަރުން ދަވަންއާއި، ނީތޫ ކަޕޫރާއި، މަނީޝް ޕައޯލްއާއި އަދި ޑައިރެކްޓަރ ރާޖު މެހެތާ ވެސް ކޮވިޑް-19އަށް ފައްސިވެފައި ވެއެވެ.