ޚަބަރު

ކޮވިޑް-19 އަށް ރާއްޖެއިން ހެދި ޓެސްޓްތައް ތިން ލައްކަ އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19ގެ ބަލި މީހުން ދެނެގަތުމަށް ރާއްޖެއިން ތިން ލައްކައަށްވުރެ ގިނަ ޓެސްޓް ކޮށްފިއެވެ.

Ads by Sosun Fihaara

ރާއްޖެއިން ކޮވިޑްގެ ބަލީގެ މީހަކު ފެނުނުތާ މިއަދަށް 293 ދުވަސް ވެފައިވާއިރު މިހާތަނަށް ވަނީ 301،481 ޓެސްޓް ކޮށްފައެވެ. އޭގެ ތެރެއިން ޕޮޒިޓިވްވީ 13,583 ސާމްޕަލެވެ. 13,026 މީހުން މިހާރު ވަނީ ކޮވިޑް ބަލިން ރަނގަޅުވެފައެވެ. ކޮވިޑުން ރަނގަޅުނުވެ ތިބީ 502 މީހުންނެވެ. އޭގެ ތެރެއިން 36 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުން މަދުވެ، ބަލިން ރަނގަޅުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ވެކްސިންތައް ގެނައުމަށެވެ. ވެކްސިން ލިބުމާއެކު ވެކްސިން ޖަހަމުން ދާނެއެވެ.

ޑރ. ނަޒްލާ މީގެ ކުރިން ވިދާޅުވީ ވެކްސިން ޖަހަން ޝަރުތު ހަމަވާ ހުރިހާ މީހުންނަށް ވެސް ވެކްސިން ދެވިގެންދާނެ ކަމަށެވެ. ވެކްސިނުގެ ސަބަބުން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުތޯ ބެލިގެންދާނެ ކަމަށާއި އެހެން ނަމަވެސް ކުދި ކުދި ކަންތައްތައް ބައެއް ފަހަރު ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންދޭ މީހުންގެ ތެރެއިން ފުަރަތަމަ ކެޓަގަރީގައި ހިމެނެނީ ފްރަންޓްލައިން ހެލްތު ކެއާރ ވޯކާރސް އާއި ސޯޝަލް ކެއާރ ވޯކާރސް ކަމަށެވެ. މީގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބް ޓެކްނީޝަނުންގެ އިތުރުން ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ސާފުކުރާ މީހުންނާއި ހޮސްޕިޓަލު އެޓެންޑަންޓުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ދެން ވެކްސިން ދެނީ އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދޭ މީހުންނަށާއި ކުޑަކުދިންގެ ސެންޓަރުތަކުގައި މަސައްކަތް ކުރާ މީހުންނަށް ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މީގެ ކުރިން ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!