ޕީރިއަޑް ވުމުން ތަދުވާ ސަބަބު ހޯދައިފި
ޕީރިއަޑްވުން ނުވަތަ މައްސަރުކަންތައް ޖެހުމުން މާ ގަދަޔަށް ރިއްސާ ސަބަބު ހޯދިއްޖެކަމަށް ސައިންސްވެރިން ބުނެފިއެވެ. ސައިންސްވެރިން ބުނަނީ މިއީ އަދި މިހާތަނަށް ހޯދިފައިވާ ނުވާ ވަރުގެ ހޯދުމެއް ކަމަށެވެ.
ރިސާޗްތަކުން ދައްކަނީ ޕްރި މެންސްރަލް ސިންޑްރޯމް ނުވަތަ ޕީއެމްއެސްއަކީ ސީ-ރިއެކްޓިވް ޕްރޮޓިން ނަމަކަށް ކިޔާ ބައޯމާކާއެއް ޓްރިގާ ވެގެން ތަދުވާ ހިސާބުގައި ދުޅަ ހުންނާތީ ދިމާވާ ކަމެއްގެ ގޮތުގައެވެ. އަދި މިފަދަ ތަދަށް އޮތް އެންމެ ރަނގަޅު ހައްލަކީ އެންޓި-އިންފްލެމޭޓަރީ ބޭހެއް ބޭނުންކުރުން ކަމަށް ވެސް މި ދިރާސާގައި ބުނެފައިވެއެވެ.
ޖާނަލް އޮފް ވިމެންސް ހެލްތުގައި ޝާއިއުކޮށްފައިވާ މިދިރާސާގައި ބައިވެރިކުރި 3،302 އަންހެނުންގެ ވެސް މައްސަރުކަންތައް ޖެހިގެން ތަދުވާއިރު އެމީހުންގެ ހަށިގަނޑުގައި ސީއާރުޕީ މަތިވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
މީގެ ކުރިން ކޮށްފައިވާ ދިރާސާތަކުން، ސީއާރުޕީ މަތިވުމާއި ހާޓް އެޓޭކް ޖެހުމާ ގުޅުމެއްވާކަން ޔަގީން ކުރެވިފައި ވެއެވެ. އަދި މިހާރުގެ ހޯދުމުން، ސީއާރުޕީ މަތިވުމަކީ އިންފްލެމޭޝަން ނުވަތަ އެތެރެ ހަށީގެ ތަންތަން ދުޅަވުމަށް މެދުވެރިވާ ސަބަބެއް ކަމަށް ވަނީ ހޯދިފައެވެ.
މި ދިރާސާގައި ފާހަގަކޮށްފައިވާ ކަންތައްތައް؛
ޕީރިއަޑްވާން ކައިރިވުމުން އަންނަ މޫޑު ގޯސްވުމުގެ އަލާމާތްތައް، ބަނޑު އަކުނިވަޔަށް ދެމުން، ބުރަކަށީގައި ރިއްސުން، ކާހިތްވުން، ބަރުދަން އިތުރުވުން، ބަނޑު ފުއްޕުން އަދި އުރަމަތީގައި ރިއްސުން ފަދަ މައްސަލަތައް ދިމާވިޔަސް ބޮލުގައި ނުރިއްސާ ނަމަ އެއީ ސީއާރުޕީ މަތިވެގެން ދިމާވާ ކަމެކެވެ.
ނަމަވެސް ޕީރިއަޑްވުމުގެ ކުރިން މި ފެންނަ އަލާމާތްތަކަކީ އެހެން ބައްޔެއްގެ އަލާމާތަކަށް ވެސް ވެދާނެ ކަމަށާއި އެހެންކަމުން މިކަމާ ގުޅޭ ފުޅާ ދިރާސާތައް އިތުރަށް ހަދައިގެން ނޫނީ، އެކަންތައްތައް ދިމާވަނީ ވަކި ސަބަބަކާ ހެދިއޭ ކަނޑައެޅިގެން ބުނަން ނޭނގޭނެ ކަމަށް ދިރާސާކުރި ފަރާތުގެ ރިޕޯޓުގައިވެއެވެ.
މިކަމަށް އޮތް ހައްލެއްގެ ގޮތުން މި ރިޕޯޓުގައި އަންހެނުންނަށް އިރުޝާދު ދެނީ އިންފްލެމޭޝަން އަކަށް މަގުފަހިވެދާނެ ކަންތައްތަކުން ދުރުވެ އަދި މާބޮޑަށް ރިއްސާ ނަމަ އެންޓި-އިންފްލެމޭޝަން ބޭހެއް ބޭނުން ކުރުމެވެ.
މި ދިރާސާގެ ތައާރަފް ދެމުން ޖާނަލް އެޑިޓާ ޑރ. ސޫޒަން ކޯންސްޓީން ވިދާޅުވެފައި ވަނީ މައްސަރުކަންތައް ޖެހުމާ ގުޅިގެން ކޮންމެވެސް ވަރަކަށް ތަދު އިހްސާސް ނުކުރެވޭ އަންހެނަކު ވަރަށް މަދުވާނެ ކަމަށެވެ. މިއީ އިންފްލެމޭޝަނެއް ނުވަތަ އެތެރެހަށީގެ އެ ބައިތައް ކޮންމެވެސް ވަރަކަށް ދުޅަވުމުން ދިމާވާ ކަމެއްކަން އެނގުމުން އެކަމަށް ކޮންމެވެސް ކަހަލަ ދާއިމީ ފަރުވާއެއް ހޯދުމުގެ ފުރުސަތު އިތުރުވެ އެކަމުގެ ސަބަބުން ކުރިމަތިވެދާނެ އިތުރު ނުރައްކާތަކުން ސަލާމަތް ވެވޭނެ ކަމަށް ބުނެފައިވެއެވެ.
މައްސަރުކަންތައް ޖެހުމަކީ ދަރިމައިވާ އުމުރުގެ ހުރިހާ އަންހެނުންނަށް ވެސް ކޮންމެ މަހަކު ދިމާވާ ކަމަކަށް ވެފައި ގިނަ ބަޔަކު މިކަމުގެ ވޭނުގައި އުޅެމުން އައި ނަމަވެސް އެހެނިހެން ބަލިތަކަށް އަބަދު ދިރާސާތައް ހަދަމުންދާ މިންވަރަށް، މި ތަދު ކަނޑުވާލާނެ ގޮތެއް ހޯދަން އެކަށީގެންވާ ސައިންޓިފިކް ރިސާޗްތަކެއް މިހާތަނަށް ހަދާފައިނުވާކަން ޑޮކްޓަރު ފާހަގަ ކުރައްވާފައި ވެއެވެ.
މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މައްސަރުކަންތައް ޖެހޭ މީހުންގެ 80 ޕަސެންޓް މީހުން މިކަން ޖެހެން ކައިރިވުމުން ނުވަތަ ޖެހުމާ ގުޅިގެން ބަނޑުގައި ރިއްސުން، މައިގްރެއިން، ބަނޑު ފުއްޕުން، މޭނުބައިކުރުން އަދި ވަރުބަލިވުން ފަދަ މައްސަލަތައް ދިމާވާ ކަމަށް ބުނެފައިވެއެވެ.
ޔުނިވަސިޓީ ކޮލެޖް ލަންޑަންގެ ރިޕްރޮޑަކްޓިވް ހެލްތު ޕްރޮފެސަރު ޖޯން ގުލިބޯޑް މިދިޔަ ފެބްރުއަރީ މަހު ވަނީ، މައްސަރުކަންތައް ޖެހުމުން އެ ރިއްސާ ރިއްސުމަށް އެކަށީގެންވާ ސައިންޓިފިކް ރިސާޗްތައް ހަދާފައި ނުވާތީ ސުވާލު އުފައްދާފައެވެ. "ޕީރިއަޑް ޕެއިން" އާއި "ހާޓް އެޓޭކް" ތަދުގެ ގޮތުން އެއްވަރު ކަމަށް އޭނާ ވިދާޅުވުމުން މިކަމާ ވަރަށް ހޫނު ބަހުސެއް ވެސް އޭރު ކޮށްފައިވެއެވެ.
"ފިރިހެނުންނަށް އެކަން ނުޖެހޭތީ އެކަމަށް ދޭންވާ އެކަށީގެންވާ ސަމާލުކަން ނުދެވި އޮންނަނީ. އަހަރެން ގަބޫލުކުރާ އެހެނިހެން ބަލި ބައްޔަށް ދިރާސާތައް ކޮށް ފަރުވާ ހޯދާ އުސޫލުން މި ބައްޔަށް ވެސް ފަރުވާއެއް ހޯދަން މަސައްކަތް ކުރަން ޖެހޭ،" ޕްރޮފެސަރު ވިދާޅުވެފައިވެއެވެ.
ޕެޑް ހުސޭނުތަ ހޯދީ؟