ބޮލީވުޑު ޖޯޑުތަކުގެ ތެރެއިން އާލިއާ އާ ރަންބީރަކީ މިހާރު އެންމެ ނަން ހިނގާ ދެ ތަރިންނެވެ. މި ދެތަރިންގެ ކައިވެނި ވާހަކަތައް ވެސް ވަރަށް ގަދައަށް ދެކެވިފައިވާ ދަނޑިވަޅެއްގައި، ރިޕޯޓުތައް ވަނީ މިއަދު މި ދެ ތަރިން އެންގޭޖުވާން އުޅޭ ކަމަށް ބުނެފައެވެ.
ެިރިޕޯޓުތައް ބުނާ ގޮތުގައި މި ދެ ތަރިން އެންގޭޖު ވަނީ ޖެއިޕޫރުގައެވެ.
އެންގޭޖުމެންޓު ޕާޓީއަށް އާއިލާ އާ ގިނަ ރައްޓެހިން މިހާރު ވަނީ ޖެއިޕޫރަށް ގޮސްފައެވެ. މީގެ ތެރޭގައި ބޮލީވުޑުގެ ގިނަ އަދަދެއްގެ ތަރިން ހިމެނެއެވެ. އޭގެތެރޭގައި ކަރަން ޖޯހަރު އަދި ރަންބީރުގެ ކުރީގެ ލޯބިވެރިޔާ ދީޕިކާ ޕަދުކޯން އަދި އޭނާގެ ފިރިމީހާ ރަންވީރް ސިންގް ވެސް ހިމެނެއެވެ.
އިންޑަސްޓްރީގެ ބައެއް މީހުންނާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ބުނި ގޮތުގައި އާލިއާގެ ބައްޕަ މަހޭޝް ބަޓް އާއި ރަންބީރުގެ ދައްތަ ރިދިމާ ސަހާނީ އަދި ރަންބީރުގެ ދެބެންގެ ދެދަރި އާދަރް ޖެއިން ވެސް މިހާރު ޖައިޕޫރުގައި އާލިއާމެން ތިބޭ ރިސޯޓުގައި އެބަތިއްބެވެ.
ދާދި ފަހުން ރަންބީރު ވަނީ އޭނާގެ ކައިވެނީގެ ވާހަކަތައް ހިއްސާ ކޮށްފައެވެ. އޭނާ ބުނީ ދެ ތަރިން ވެސް ތިބީ މިއަހަރު ކައިވެނި ކުރަން ނިންމައިގެން ކަމަށާއި އެހެން ނަމަވެސް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރުމުގެ ސަބަބުން ކައިވެނި ފަސް ކުރީ ކަމަށެވެ. އަދި ވަރަށް އަވަހަށް އާލިއާއާ ކައިވެނި ކުރާނެ ކަމަށް ވެސް ރަންބީރު ބުނެފައި ވެއެވެ.