ޚަބަރު

އިންޑިއާ މީހާ ރިސޯޓުން ފުރުވާލި މައްސަލަ ބަލާ ފިޔަވަޅު އަޅާނަން: ފުލުހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރި އިންޑިއާ މީހަކު، އެރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ދިވެހި އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މައްސަލައިގައި، އެ މައްސަލަ ރިޕޯޓު ނުކޮށް އެ ރިސޯޓުގެ މެނޭޖުމެންޓުން އިންޑިއާ މީހާ ފުރުވާލި މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

Ads by STELCO

މިކަމާ ގުޅޭގޮތުން މީޑިއާތަކަށް ރޭގައި މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ މީޑިއާއެއްގައި ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން މައުލޫމާތު އޮޅުންފިލުވިއިރު، ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެއްކެއް ނެތްކަން ފާހަގަކުރާ ކަމަށެވެ. ނަމަވެސް އެރިސޯޓުގައި އިންޓާންޝިޕް ހަދަމުންދިޔަ އަންހެނެއްގެ ގައިގައި، އޭނާގެ ނުގަބޫލުގައި ބިދޭސީއަކު އަތްލިކަމުގެ މައްސަލައެއް ފެންމަތިވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ އަމަލު ހިންގާފައި ވަނީ އިންޑިއާ މީހެއް ކަމަށާއި އެމައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ފަރާތުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައި ވަނީ މީޑިއާގައި އެ މައްސަލައާ ގުޅޭގޮތުން ރިޕޯޓް ކުރުމުގެ ކުރިން އެއްވެސް ފަރާތަކުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބުނުއިރު ތުހުމަތު ކުރެވޭ އިންޑިއާ ފިރިހެން މީހާ ވަނީ ރާއްޖެއިން ފުރާފައި ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އެހެންކަމުން އެއްވެސް ރިޕޯޓު ކުރުމެއްނެތި ރިސޯޓު މެނޭޖުމެންޓުން އޭނާ ފުރުވާލާފައި ވާތީ އެ މައްސަލަައިގައި މެނޭޖުމެންޓާ މެދު ފިޔަވަޅު އަޅާނަންތޯ ބައެއް ނޫސްވެރިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިސަރު ބުނެފައިވަނީ ފުލުހުން މިހާރު ބަލަމުންދާ މައްސަލައިގެ ތެރެއިން ހުރިހާ ކަމެއް ވެސް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅިގެން ދާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!