ކޯވިޑް ޖެހި ރަނގަޅުވުމުން ޞިއްޙަތަށް ދިގު މުއްދަތަށްކުރާ އަސަރުތައް ދެނެގަނެވެން ފަށައިފި
![](https://dhen.mv/wp-content/uploads/2021/01/0F204F21-CE75-4A7C-BF5A-4FE2CF03E0C8-850x548.jpeg)
ކޯވިޑް ޖެހި ރަނގަޅުވުމުން ޞިއްޙަތަށް ދިގު މުއްދަތަށް ކުރާ އަސަރުތައް ދެނެގަނެވެން ފަށައިފި ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
ޗައިނާގެ ނޭޝަނަލް ސެންޓަރ ފޮރ ރެސްޕިރޭޓަރީ މެޑިސިން، ބިން ކާއޯ ވިދާޅުވީ ކޯވިޑަކީ މުޅިން އައު ބައްޔެއްކަމުން އެ ބަލީގެ ސަބަބުން ބަލިޖެހޭ މީހުންގެ ޞިއްޙަތަށް ދިގު މުއްދަތަށް ކުރާ އަސަރުތައް ދެނެގަނެވެން ފަށައިފައި ވަނީ އަދި ކިރިޔާ ކަމަށެވެ.
ކޯވިޑް ޖެހި ރަނގަޅުވުމުން ވެސް ބައްޔާ ގުޅޭ އުނދަގޫތައް ކުރިމަތިވަމުން ދާކަމަށް ދިރާސާއިން ދައްކައެވެ. އަދި ބަލިން ފަސޭހަ ވުމަށް ފަހުގައި ވެސް ކޯވިޑް ޖެހުނު މީހުންގެ ފަރާތުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިކަން އިޙުސާސްވުމާއި މަސްގަނޑުގެ ބާރުދެރަވުން ފާހަގަ ކުރެވިފައި ވެއެވެ. މީގެ އިތުރުން ނިދުމުގައި ވެސް އުނދަގޫތަކެއް ކުރިމަތި ވެއެވެ.
ބަލިޖެހިފައި ފަސޭހަވާ މީހުންނަށް އަނެއްކާ ވެސް ކޯވިޑް ޖެހުމުގެ ފުރުޞަތު އޮވެއެވެ. ކޯވިޑް އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގެ ވުހާން ސިޓީގައި ބަލިޖެހުނު އެތައް ސަތޭކަ މީހުންގެ މަޢުލޫމާތު އެއްކޮށް މިހާރު ދަނީ ދިރާސާ ކުރަމުންނެވެ. ކޮވިޑްގެ އިތުރުން މިހާރު ދަނީ ކޮވިޑާ ގުޅުންހުރި އާ ވޭރިއަންޓް އެއް ފެންނަމުންނެވެ. ކޮވިޑްގެ އައު ވައިރަހެއް ފެނިފައިވަނީ އިނގިރޭސިވިލާތުންނެވެ. މިހާތަނަށް ފެނުނު ކޯވިޑް ވައިރަހަށްވުރެ މި ވައިރަސް ފެތުރޭ މިންވަރު މާ ފަސޭހަ ވެފައި ހަލުވިކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފައެވެ.