އިންޑިއާއިން ހަދިޔާކުރި ވެކްސިން ރައްކާ ކޮށްފައިވަނީ އެޗްޕީއޭގެ "ކޯލްޑް ރޫމް" ގައި
އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި އަސްޓްރާޒެނިކާ "ކޮވިޝީލްޑް" ވެކްސިން ރައްކާ ކޮށްފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ "ކޯލްޑް ރޫމް" ގައި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.
އިންޑިއާއިން ހަދިޔާ ކުރި ވެކްސިން ބޭނުން ކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ފަހުކޮޅު ކަމަށް ފާހަގަކޮށް ނޫސްވެރިއަކު ސުވާލު ކޮށްފައިވަނީ، ވެކްސިނަކީ ވަކި ފިނި މިނެއްގައި ޓެމްޕެރޭޗަރ ބަހައްޓަން ޖެހޭ އެއްޗަކަށްވާއިރު އެވެކްސިންތައް ސްޓޯކޮށްފައި ނުވަތަ ރައްކާތެރިކަމާއެކު ބަހައްޓާފައި ވަނީ ކިހިނެއްތޯއެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން ޑިޕާޓްމެންޓް އޮފް ހެލްތުގެ އޮފިޝަލު ތަސްލީމާ އުސްމާން ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިން ބަހައްޓާފައި ވަނީ ހުންނަން ޖެހޭ މިންގަނޑުގައި ކަމަށެވެ.
"އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކޮވިޝީލްޑް ވެކްސިން ބަހައްޓާފައި ވަނީ ހުންނަން ޖެހޭ މިންގަނޑުގައި. ރައްކާތެރިކޮށް މޮނީޓަރ ކުރެވެމުން ދަނީ. މިހާރު ސްޓޯ ކުރެވިފައިވަނީ އެޗްޕީއޭ ސްޓޯ ރޫމް ގައި" ތަސްލީމާ ވިދާޅުވެފައިވެއެވެ.
އިންޑިއާ އިން އިއްޔެ ވަނީ "އެއާ އިންޑިއާ" މެދުވެރިކޮށް އެސްޓްރާޒެނިކާ "ކޮވިޝީލްޑް" ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާ ކޮށްފައެވެ.