ޚަބަރު

ރައީސް ޔާމީން މިނިވަންކޮށް ވެރިކަމަށް ގެންނާނަން: ޣައްސާން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަންކޮށް އަލުން ވެރިކަމަށް ގެންނާނެ ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޣައްސާން މިއަދު ކުރެއްވި ޓްވީޓެއްގަައި ވިދާޅުވީ ރައީސް ޔާމީނަށް ދެނީ ނުހައްގު އަނިޔާއެއް ކަމަށާއި ނުހައްގު އަނިޔާއިން އެމަނިކުފާނާއި ޕީޕީއެމްގެ ލަޝްކަރުގެ ހިތްވަރު ބަލި ނުކުރެވޭނެ ކަމަށެވެ.

“ރައީސް ޔާމީނަށް ދެވޭ ނުހައްގު އަނިޔާއަކުން އެމަނިކުފާނުގެ އަދި ޕީޕީއެމްގެ ބިޔަ ލަޝްކަރުގެ ހިތްވަރެއް އެލުވައެއް ނުލެވޭނެ. އިރާދަކުރެއްވިއްޔާ ޖަލުން މިނިވަންކޮށް އެމަނިކުފާނު 2023 ގަ އިންތިހާބުކޮށް ވެރިކަމަށް ގެންނާނަން” ޣައްސާން ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައިގައެވެ.

މި މައްސަލައަކީ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާވި އެއް މިލިއަން ޑޮލަރު، އޭސީސީގެ އެކްސްކުރޯ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެ ސޭވިން އެކައުންޓަކަށް ޖަމާކޮށް އޭގެ މަންފާ ހޯދި ކަމަށް ބުނާ މައްސަލައެވެ. ދައުލަތުން ބުނާ ގޮތުގައި އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ގދ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާ އެވެ.

އެ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރީ 75 އިސްތިއުފާ ނުކުތާއެއް ފާހަގަކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!