ކޮވިޑް-19: އިންޑިއާގެ ވެކްސިން ސީޗެލްސް، މޮރިޝަސް އަދި މިޔަންމާއަށް ފޮނުވައިފި

މުޅި ދުނިޔޭގައި ވެސް ފެތުރިފައިވާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަވައްޓެރި އިންޑިއާއިން އޮފްސްފޯޑާ ގުޅިގެން އުފެއްދި އެސްޓްރާޒެނިކާ "ކޮވިޝީލްޑް" ވެކްސިން ސީޗެލްސް، މޮރިޝަސް އަދި މިޔަންމާއަށް ވެސް ފޮނުވައިފިއެވެ.
އިންޑިއާގެ ސެރަމް އިންްސްޓިޓިއުޓުން އުފެއްދި މިވެކްސިން މީގެ ކުރިންވަނީ ރާއްޖޭގެ އިތުރުން ނޭޕާލްއަށާއި ބަންގްލަދޭޝްއަށާއި ބޫޓާނަށް ވެސް ފޮނުވާފައެވެ. މިވެކްސިން ޝްރީ ލަންކާއާއި އަފްގާނިސްތާނަށް ވެސް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އިންޑިއާ އިން ވެކްސިން ހަތް ގައުމަކަށް ފޮނުވީ، އެ ގައުމުން އަވަށްޓެރި ގައުމުތަކަށްދޭ ހާއްސަ އަހަންމިއްޔަތުކަމުގެ ދަށުންނެވެ.
އިންޑިއާއިން "ކޮވިޝީލްޑް" ވެކްސިން ހަދިޔާ ކުރީ:
- ރާއްޖެއަށް އެއްލައްކަ (100،000) ޑޯޒް
- ބޫޓާނަށް 150،000 ޑޯޒް
- ބަންގްލަދޭޝް އަށް ދެ މިލިއަން ޑޯޒް، އަދި
- ނޭޕާލަށް އެއް މިލިއަން ޑޯޒް ގެ ވެކްސިނެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ދުނިޔޭގެ ބައެއް ގައުމުތަކާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކޮވިޝީލްޑް ވެކްސިން އިތުރު ގައުމުތަކަށް ފޮނުވަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ވެކްސިންގެ ދެ މިލިއަން ޑޯޒް ހިފައިގެން ދެ ފްލައިޓެއް ބްރެޒިލާއި މޮރޮކޯ އަށް ވަނީ ފުރައިފައެވެ.
"ކޮވިޝީލްޑް" ވެކްސިން ހަދިޔާ ކުރުމުގެ އިތުރުން އިންޑިއާއިން ދާދިފަހުން ވަނީ ޕެރެސެޓޮމޯލް ޓެބްލެޓްގެ ބޮޑު ޝިޕްމަންޓުތަކެއް ބްރެޒިލް، އެމެރިކާ، އަދި ދެކުނު އެފްރިކާ އަށް ވެސް ފޮނުވައިފައެވެ.