"ވެކްސިން ޖެހުން މަޖުބޫރެއް ނޫން، ކުޑަކުދިން ގަޔަށް ނުޖަހާނެ"

ފެތުރެމުން އަންނަ ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުން މަޖުބޫރެއް ނޫން ކަމަށާއި އުމުރުން 16 އަހަރުން ދަށުގެ ކުދިން ގަޔަށް ވެކްސިން ނުޖަހާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިނަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން އާންމުކުރާ ސުވާލާއި ޖަވާބުގައި ބުނެފައި ވަނީ އެވެކްސިނަކީ ބަލި ޖައްސާ ވައިރަސްކަމުގައިވާ ނޮވެލް ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް އިންސާނާގެ ދިފާއީ ނިޒާމު ތައްޔާރުކޮށްދޭ އެއްޗެއް ކަމަށާއި ބަލިން ސަލާމަތް ވުމުގެ އުންމީދު ބޮޑީ، ރައްކާތެރި އަދި ރަނގަޅު ވެކްސިނެއް ޖެހުމުން ކަމަށެވެ.
ވެކްސިން ޖެހުން އެންމެ މުހިންމު މީހުންގެ ތެރޭގައި ހިމެނެނީ ސިއްހީ ހިދުމަތްތެރިންނާއި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުން ކަމުގައިވާ އުމުރުން ދުވަސްވީ މީހުން އަދި ދާއިމީ ބަލިތައް ތަހައްމަލު ކުރާ މީހުންނެވެ.
މިވެކްސިން އުފައްދާފައި ވަނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކުރި ވެކްސިންގެ ފޯމިއުލާ ބޭނުން ކޮށްގެން އެއާ އެއްގޮތަށް ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.