ބޮލީވުޑް

ވަރުން ދަވަންގެ އަންހެން ފޭނުންގެ ހިތްހަލާކު ކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ޒުވާން ފިލްމީތަރި ވަރުން ދަވަން އޭނާގެ އަންހެން ފޭނުންގެ ހިތް ހަލާކު ކޮށްލާ، ކައިވެނި ކޮށްފިއެވެ.

Ads by STELCO

ވަރުން ކައިވެނި ކުރީ އޭނާގެ ކުޑައިރުގެ ލޯބިވެރިޔާ ނަތާޝާ ދަލާލްއާ އެވެ. ނަތާޝާ އަކީ ފިލްމީ ތަރިއެއް ނޫން ކަމަށާއި "ދަވަން ޚާންދާން" ގެ ޒަމާންވީ ސަޤާފަތް ދަމަހައްޓާ، ވަރުން ވެސް ގުޅުނީ ދާއިރާއިން ބޭރު މީހަކާ ކަމަށް އޭނާ މީގެ ކުރިން ވެސް ވަނީ ބައެއް އިންޓަވިއު ތަކުގައި ބުނެފައެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ވަރުން އާއި ނަތާޝާ ކައިވެނި ކުރީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އަލީބާގްގެ ފަސްތަރީގެ ހޮޓަލެއްގައި ވަރުން އާއި ނަތާޝާ ކައިވެނި ކުރީ ހިންދޫ ދީނުގެ ސަޤާފަތާ އެއްގޮތަށެވެ.

އިންޑިއާގެ ގިނަ ބަޔަކު ސަޕޯޓުކުރާ ވަރުން ގެ ކައިވެންޏަށް ދައުވަތު ދީފައިވަނީ އާއިލާގެ އިތުރުން ބައެއް ގާތް މީހުންނަށް އެކަންޏެވެ. އޭގެ ތެރޭގައި ކަރަން ޖޯހަރް، މަނީޝް މަލޯތުރާ، ޒޯޔާ މޮރާނީ، ސަލްމާން ޚާން އަދި ކުނާލް ކޯލީ ފަދަ ބައެއް ފަންނާނުން ހިމެނެއެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި ވަރުން އާއި ނަތާޝާ ގެ ކައިވެނި މިއަދު ކުރެވުނު ނަމަވެސް، ކައިވެނީގެ ރިސެޕްޝަން އޮތީ އަންނަ މަހުގެ 2 ގައެވެ.

"ސްޓޫޑަންޓް އޮފް ދަ އިޔަރ" އިން ބޮލީވުޑަށް ތަޢާރަފްވި ވަރުންގެ ކައިވެނި ކުރެވުނު ވަގުތު އޭނާގެ ސަޕޯޓަރުން އެހޮޓެލް ބޭރުގައި، އެދެމަފިރިން ދެކިލުމުގެ އިންތިޒާރުގައި ތިބި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!