ޚަބަރު

ޖަމާލުއްދީން އަދި މަޖީދިއްޔާއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނިފައިވޭ: އެޗްޕީއޭ

މަރްޔަމް ވަޙީދާ

ޖަމާލުއްދީން އަދި މަޖީދިއްޔާއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ޖަމާލުއްދީން ސްކޫލުންނާއި މަޖީދިއްޔާ ސްކޫލުން ކޮވިޑަށް ފައްސި ކޭސްތަކެއް ފެނިފައިވާ ކަމަށެވެ. އަދި މަޖީދިއްޔާ ގެ ކޭސްއާއި ގުޅިގެން ޑައިރެކްްޓް ކޮންޓެކްޓުވި މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޖަމާލުއްދީނާއި މަޖީދިއްޔާ ސްކޫލުން ފައްސި ކޭސްތަކެއް އުޅޭކަމަށާއި ނަމަވެސް އެކަން ސިއްރު ކޮށްފައިވާ ކަމަށް ވަނީ ތުހުމަތުތަކެއް ކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ޑރ. ނަޒްލާ ވިދާޅުވީ އެއްވެސް ސްކޫލަކުން ކޮވިޑް-19 ވޭދަނަތައް ސިއްރުކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެއީ ސްކޫލާއި، ސްކޫލްގެ ވެރިންނާއި، ޓީޗަރުންގެ އަމާޒަކަށް ވާނީ ސްކޫލަަކީ ރައްކާތެރިތަނެއްގެ ގޮތުގައި ކަށަވަރު ކުރުން ކަމަށެވެ.

މީގެއިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ޑައިރެކްޓް ކޮންޓެކްޓްވީ މީހުން ހޯދާއިރު، ސްކޫލް ތެރެއިންވެސް ޓީޗަރުންނާއި، ނޫނީ ކުދިންނާއި ބައްދަލުވި ސްކޫލްގެ އެހެން ސްޓާފުންނާއި، ފައްސިވި މީހާގެ ފަރާތުންނާއި އަދި އެހެން މީހުންގެ ފަރާތުންވެސް މައުލޫމާތު ހޯދާ ކަމަށެވެ.

"މަދު ކޭސް ތަކެއްގައި ސްކޫލް ތެރޭގައި ކޮންޓެކްޓްވެފައި ހުރީ، އެހެންވެފައި ހުރި ހާލަތުގައި ހުރީ ރަނގަޅަށް، އަޅުގަނޑުމެން މި ބުނާ ގޮތަށް ފިޔަވަޅުތައް ނޭޅި ހުރީމަ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!