އާންމުންގެ ސަލާމަތަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ތިމާގެ މައްޗަށް އޮތް ހައްގެކެވެ.
އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު އާއިލާތަކާއި ރައްޓެހިން ހޭދަކުރަމުން އައި ވަގުތުތައް މިއަދު ކޮބައި ހެއްޔެވެ؟ ރަހުމަތްތެރިން އެއްކޮށް ހީ ސަކަރާތް ޖަހަން އަރާ އުޅުނު ކޮފީތައްް ކޮބައި ހެއްޔެވެ؟ އާއިލާ އެއްކޮށް ހިތްހަމަ ޖައްސާލުމަށް ގޮސް އުޅުނު ދަތުރުތައް މިއަދު ކޮބައި ހެއްޔެވެ؟ ހުރިހާ ކަމެއް ހުއްޓުމަކަށް އައީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޢާލަމީ ވަބާ ކަމުގައި ނުރައްކާތެރި ކޮރޯނާ ވައިރަހުގެ ސަބަބުންނެވެ.
މި ނުރައްކާތެރި ބަލީގައި އެތައް ބަޔަކު ތަހައްމަލު ކުރަމުން ގެންދާއިރު، އެތައް ހާސް ބައެއް މިބަލީގެ ޝިކާރައަކަށްވެ ދުނިޔެ ދޫކޮށް ވަނީ ގޮސްފައެވެ. އަދި މަރުވެގެންދާ ހާލު އެންމެ ކުޑަމިނުން ހިނަވާ ކަފުންކުރުމަށް ފަހުގައި ފަހު ފަހަރަށް މޫނު ދެކިލުމުގެ ފުރުސަތު ނުލިބި ވެސް ކިތައް މީހުން ވަކިވެއްޖެ ހެއްޔެވެ؟ އެތައް ކުދީންނެއްގެ މާމައާއި ކާފައިން އަދި އެތައް ބައެއްގެ ލޯބިވާ ދަރިންނާއި އާއިލާ މީހުން މި ބަލީގެ ޝިކާރައަކަށް ވެ ހިނގައްޖެއެވެ.
މިއަދު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުރަބަންދު އިއުލާނުކޮށް ކުރިން ކޮށް އުޅުނު އެތައް އުފާތަކެއް ކުރުމަށް މިވަނީ މަޑުޖެހުމެއް އައިސްފައެވެ. ކުރާނީ ވެސް ފަހެ ކީއްހެއްޔެވެ؟ އެންމެންގެ ރައްކާތެރިކަމަށް މިއީ އަޅަން މަޖުބޫރު ފިޔަވަޅެކެވެ. ގަސްތުގައި އެ އުފާތަކުން މަޙުރޫމު ކޮށްލަނީއެއް ނޫނެވެ. ޚުދު ރާއްޖޭގައި ވެސް ހަލުވިކަމާއެކު މި ބަލި ފެތުރެމުން ދިއުމާ ގުޅިގެން ރާއްޖޭގައިި ވެސް މި ވަނީ މާސްކު އެޅުން މަޖުބޫރުކޮށް ބައެއް ވަގުތުތަކުގައި ގެއިން ބޭރަށް ނުކުތުން މަނާ ކޮށްފައެވެ.
އެހެންނަމަވެސް ހިތާމައަކީ މިފަދަ ފިޔަވަޅުތައް ކަމާބެހޭ ފަރާތުން އެޅި ކަމުގައި ވީިނަމަވެސް އެ ފިޔަަވަޅުތަކަށް ޢަމަލު ކުރާ މީހުން މަދުވުމެވެ. އެ ފިޔަވަޅުތަކާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކޮށް ގާނޫނީ ފިޔަވަޅު އެޅޭނެ ކަމުގައި ބުނެފައި އޮވެއެވެ. އަދި އެގޮތުގެ މަތިން ނެގޭ ޖޫރިމަނާ އާއި އެޅޭ ފިޔަވަޅުތަކުގެ ސަބަބުން ގޯސްވެފައި އޮންނަނީ ގާނޫނީ ގޮތުން ފިޔަވަޅު އެޅި މީހާއެވެ. ނުވަތަ ފުލުސް މީހާއެވެ. ފަހަރުގައި ތިމަންނާއަށް މީގައި ގޯސް ހެދިފައިވާ ކަން ގަބޫލުކުރަން ބޭނުން ނުވަނީ ކަމެއް ނޭނގެއެވެ.
ގެއިން ބޭރުގައި އުޅުން މަދުކުރުމަށް ސަރުކާރުންނާއި ކަމާ ބެހޭ ފަރާތްތަކުން ކެނޑިނޭޅި ބުނަމުން އެ ގެންދަނީ އެމީހުންގެ ފައިދާއަކަށް ނޫނެވެ. މި ނުރައްކާތެރި ބަލި ނައްތާލެވޭނީ އެންމެން އެއްކޮށް އެއް އަޒުމެއްގައި މަސައްކަތް ކޮށްގެން ކަމުގައި ވާތީ، އެކަން ކުރުމުގެ ނިޔަތުގައެވެ. "ފްރޮންޓް ލައިން"ގައި މަސައްްކަތް ކުރާ މުވައްޒަފުންގެ ތެރޭގައި ވެސް ކިތައް މައިން ވާނެ ހެއްޔެވެ؟ އާއިލާ ގާތަށް ދާން ބޭނުންވެފައި ތިބި ކިތައް މީހުން އުޅޭނެހެއްޔެވެ؟
އެހެންނަމަވެސް އެމީހުން ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އެ ގެންދަނީ މި ބަލިމަޑުކަމުން އަރައިގަނެވޭތޯއެވެ. އެންމެންގެ ރައްކަލާއި އެންމެންގެ ހިތްހަމަޖެހުމަށް ޓަކައި އެމީހުން ވަމުން އެ އަންނަނީ ހާދަހާ ބޮޑު އަދި އެހާމެ މާތް ޤުރުބާނީއެކެވެ. އެ ޤުރުބާނީތަކުގެ އަގު ވަޒަން ކުރުމަށް އަހަރެމެން ގޭގައި މަޑުކޮށް އެމީހުންގެ އެންގުންތަކަށް ބޯލެނބުން ކީއްތޯއެވެ؟ އެމީހުން އުލޭ ޙާލު ފެނި، ބައެއް ފަހަރު ލޮލުން ކަރުނަ ވެސް އާދެއެވެ.
އީދެއް ރޯދައެއް އެމީހުންނަކަށް ނެތެވެ. މަތިމައްޗަށް ރައްކާތެރި ވުމަށް މާސްކާއި ޖެކެޓުތައް ލައްވައިގެން އުޅޭ ހީވާގި "ފްރޮންޓް ލައިން" މަސައްކަތްތެރިންނަށް އައްސަރިބަހާ ސާބަސް ރައްދުކުރަމެވެ. އެބޭފުޅުން ވަމުން އެ އަންނަނީ ގައުމަށްޓަކައި ހާދަހާ މާތް ޤުރުބާނީއެކެވެ. ވީއިރު އަހަރެމެން އެންމެން ވެސް އެންމެންގެ އާއިލާއާއި ލޯބިވާ މީހުންގެ ހައްގުގައި ގޭގައި މަޑުކޮށް ފަރުދީ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމާތޯއެވެ. އަދި މި ބަލި ނައްތާލެވޭތޯ އެންމެން އެކީ އަތުކުރި އޮޅާލާ އެއްއަޒުމެއްގައި މަސައްކަތް ކުރަމާތޯއެވެ.