ޚަބަރު

މާބޮޑަށް ރަނގަޅު ވެވުމަކީ ވެސް ހެދޭ ގޯހެކެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބައެއް މީހުންނަކީ އެމީހުންގެ އުފެދުމުގައި ހުންނަ ޠަބިއްޔަތުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބެމުން އަންނަ ބައެކެވެ. އެފަދަ މީހުން ވިސްނުމެއް ނެތި އެޅޭ ޅައެއްޗެއްގެ ސަބަބުން ދިރިއުޅުން ބޮޑު އަނދަވަޅުގަނޑަކަށް ވެއްޓި ތެދުވަން އެތައް މަސައްކަތްތަކެއް ކުރާ މީހުން މަދެއް ނޫނެވެ. އެގޮތުން މީހުނަށް މާ ރަނގަޅު ވެވުމަކީ މީގެ މީގެ ތެރެއިން ހިމެނޭ އެއް ކަމެވެ.

Ads by STELCO

ނޫނެކޭ ބުނަންޖެހޭ ބައެއް ޙާލަތްތަކުގައި ނޫނެކޭ ބުނަން ވެސް ދަސްކުރާށެވެ. އެކި ކަންކަމާ ބިރުން ނޫނެކޭ ބުނަން ޖެހޭ ޙާލަތްތަކުގައި ނޫނެކޭ ބުނުމުގެ ބަދަލުގައި އާނއެކޭ ބުނެވިދާނެއެވެ. އެއީ އަނެކާއާ ދޭތެރޭ ވިސްނޭތީއެވެ. އެހެން ނަމަވެސް އެވަގުތު އެ ނިންމާ ނިންމުމުގެ ސަބަބުން ފަހުން އެކަމާ މުޅި އުމުރު ދުވަހު ހިތާމަކުރަން ޖެހިފައިވަނީ މަދު ބައެއް ނޫނެވެ.

އޭގެ ސަބަބުން ތިމާއަށް އެކި ވަރު ވަރުގެ ލަނޑު ލިބުނު ކަމުގައި ވީ ނަމަވެސް، އެކަން އެގޮތަށް ކުރީ ހަމަ އަނެކާއަށް ރަނގަޅު ގޮތެއް ވެދިނުމަށް ޓަކައެވެ. އެކަމު ގިނަ ފަހަރަށް ތިމާއާ ދޭތެރޭ ވެސް އެއްވެސް ވަރަކަށް ވިސްނުމެއް ފިކުރާލެއް ނެތި އަނެކާ ތިމާއަށް ގެއްލުންވާ ގޮތަށް ކަންކަން ނިންމާލައެވެ. ވާނީ ވެސް އެހެންތާއެވެ. ތިމާ ހުންނަނީ އަނެކާ ކުރިމަތީގައި، އެޅިހާ ބަތަކަށް ރިހަ ވެގެންނެވެ.

ނޫނެކޭ ބުނަންޖެހޭ ދަނޑިވަޅުތަކުގައި ނޫނެކޭ ބުނަން ދަސްކުރާށެވެ. އެއީ ދިރިއުޅުމުގައި ތިމާއަށް ކުރިއަށްދާން ވަރަށް މުހިންމު ކަަމެކެވެ. އެހެން ނޫން ކަމުގައި ވަނީ ނަމަ ތިމާ ފަހުން އެކަމާ ރޯން ޖެހިދާނެއެވެ. މި ދުނިޔޭގައި އެންމެން ރުއްސައިގެން އުޅެވޭނޭ ހީނުކުރާށެވެ. އެހެނީ މިސާލަކަށް އެންމެންނަށް ރަނގަޅު ވެގެން އުޅުނު ކަމުގައި ވީ ނަމަވެސް އެ އެންމެންނަކީ ތިމާއަށް ހެޔޮ އެދޭ މީހުން ކަމެއް ޚުދު ތިމާއަށް އެނގޭނީ ފަހެ ކިހިނެއް ހެއްޔެވެ؟. މިތުރުންނާއި ހަތުރުން ވެސް އުޅޭނެެއެވެ. ދަސް ކުރަންވީ ތަފާތު ދެނެގަންނާށެވެ.

ތިމާ އަނެކުންނާ މެދު ވިސްނާ ވަރަށް އެމީހުން ތިމާއާ ދޭތެރޭ ނުވިސްނާ ކަމުގައި ވާނަމަ، ތިމާ އެމީހުންނާ ދޭތެރޭ ވިސްނުމުގެ ބޭނުމަކީ ފަހެ ކޮބައި ހެއްޔެވެ؟ އަމިއްލަ ނަފުސަށް ގެއްލުން ދިނުން ނޫން އިތުރު ކަމެއް އެބަ ކުރެވޭ ހެއްޔެވެ؟ އެނެމެންނަކީ ތިމާއަށް ހެޔޮ އެދޭނެ ބައެއް ވެސް ނޫނެވެ. ބައެއް މީހުންނަކީ ތިމާގެ ބޭނުން ހިފާލާ ބޭކާރު ކޮށްލާ ބައެކެވެ. ފެންކައްކާ ބޮލީގެ ޢިއްޒަތަށް ތިމާ ވާން ބޭނުން ހެއްޔެވެ؟

އޮފީސް މާޙައުލުގައި ވެސް ހަގީގަތުގައި މާ ރަނގަޅު ވެވެނީއެވެ. ތިމާގެ މައްޗަށް ހުންނަ މީހާއަށް އިޙުތިރާމް ކުރަން ވާނެއެވެ. އެހެން ނަމަވެސް ބުނިހާ ކޮންމެ ކަމެއް ތިމާ ކުރަން މަޖުބޫރެއް ނޫނެވެ. ކުރިން ވެސް ބުނެފައިވާ ފަދައިން ނޫނެކޭ ބުނަންޖެހޭ ޙާލަތްތަކުގައި ނޫނެކޭ ބުނަން ވާނެއެވެ. އެހެން ނަމަވެސް ގިނަފަހަރަށް މިހެން މިކަންތައް ކުރުމުގެ ސަބަބުން އެ މުވައްޒަފުގެ ހިތުގައި ތިމާއަށް ޓަކައި ނަފުރަތު އުފެދިގެން ދެއެވެ. އަދި މިފަދަ ކަންކަން ތިމާ ހީނުކުރާހާ ހިތިކޮށް ނިމޭ ފަހަރު ވެސް މަދެއް ނޫނެވެ.

ދިރިއުޅުމުގައި ކަންކަމާ ކުރިމަތި ލާން ދަސްކުރާށެވެ. އަޑިގަނޑު ތަކާއި އުސްގަނޑުތައް އަންނާނެ ކަން ދަންނާށެވެ. މިތުރުންގެ ނަމުގައި ހަތުރުން އުޅޭކަން ވެސް ދަންނާށެވެ. ދުނިޔޭގައި އުޅެވެން އޮތީ ހުރިހާ ކަމަކާވެސް ކުރިމަތި ލާން ކެރިގެނެވެ. އެންމެންނަށް ރަނގަޅު ވެގެން ތިމާއަށް ވާނެ މާބޮޑު ފައިދާއެއް ނެތެވެ. އެންމެންނަށް މާ ރަނގަޅުވެވޭ ނަމަ ގިނަ ފަހަރަށް ތިމާއަށް ލަނޑު ލިބުން އެކަށީގެން ވެއެވެ. މިއީ ދުނިޔަވީ ޙަގީގަތެކެވެ. ބުއްދިވެރިއެއް ނަމަ މިކަންކަމާ ވިސްނާ ފިކުރުކޮށް ދިރިއުޅުން އާރާސްތު ކުރުމުގައި ވިސްނުންތެރި ވާނެއެވެ. އަދި ޅައެއްޗެއް ނާޅާ އަބަދުވެސް މަސައްކަތް ކުރާނެއެވެ. 

Ads by Ooredoo
  1. ކާފަ

    100 ގެ ވާހަކައެއް..

  2. ޙުސްނުބާނުގެޕަރީ

    ވަރަށްރަނގަޅު ވާހަކައެއް ޚުދު އަހަރެންނަށްވެސް ލަނޑު ލިބިފަ މިހިރީ ހަމަ ތިހެންވެގެން އެހެންމީހުނަށް މާބޮޑަށް ރަނގަޅުވެވުނީ އަމިއްލަ މީހާއާދޭތެރޭ ނުވިސްނާ ބައެއްރައްޓެހިންނަށް މާ ބޮޑއަށް އިތުބާރު ކުރެވުނީ

  3. ދޮންކަނބުލޮ

    ވަރަށް ބޮޑު ތެދެއް. މިޒަމާނުގައި މީހުންނަށް ރަނގަޅުވެގެން ލިބޭނެ އެއްވެސް ފައިދާ އެއް ނެތް. އޮތީ ހުސް ގެއްލުން.

  4. ޢާއިޝާ

    ހޫން. އެންމެ ފަހަރަކު އެއްޗެއް ބުނެގެން މަވަރު ނުލަފާ އަމިއްލަ އެދުން ބޮޑު ރުޅިގަދަ ނުވިސްނާ ނުލަފާ މީހެއް ނެތް. ހުސްއެހެން މީހުންނަށް ވިސްނަން ހަދައިގެން.

  5. އޭނަ

    ވަރަށް އިބުރައިތެރި ވާހަކައެއް

  6. ތަގްދީރު

    ޢަސްލުވެސް ތީ ވަރަށް ބޮޑު ހަގީގަތެއް.
    ޢެހެންމީހުން މުސީބާތް ތަކުން ސަލާމަތް ކުރަން ހަދާއިން އަމެއްލަ މީހާ އަނދަވަޅަށް ވެއްޓޭ ފަހަރު މަދެއްނޫން.