އުތުރުތިލަފަޅު އެއްބަސްވުން ހާމަކުރަން ގޮވައިލާ ކުއްލި މައްސަލަ މަޖިލިހަށް ބަލައިގެންފި
އުތުރު ތިލަފަޅު ގައި ކޯސްޓްގާޑްގެ ޑޮކްޔާޑެއް ގާއިމްކުރަން ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުމާއި އިންޑިޔާއިން އަލަށް ދޭން ނިންމި ލޯނުތަކާ ގުޅޭ ގޮތުން އެކުލަވައިލި އެއްބަސްވުންތައް ހާމަކުރަން ގޮވައިލާ އިދިކޮޅުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައިގެންފިއެވެ.
ނައިފަރު ދާއިރާ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބުލީޑަރު އަޙްމަދު ޝިޔާމު މަޖިލީހަށް ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައި ވަނީ ސޮއި ކޮށްފައިވާ އެއްބަސްވުމަކީ، ދިވެހިރާއްޖޭގެ ސިޔާދަތާއި ޤައުމީ ސަލާމަތާ ގުޅުންހުރި ކަމެއް ނަމަވެސް އެ އެއްބަސްވުން އެކުލަވައިލީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައި މަޖިލިހުގެ ރުހުމެއް ހޯދުމަކާ ނުލާ ކަމަށެވެ.
"އަދި އެއިރު އިންޑިޔާއިން ހުށަހެޅި ޝަރުޠުތަކާ އެއްގޮތަށް މި އެއްބަސްވުން އެކުލަވައިލުމަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާ ފުށުއަރާނެ ކަމެއް ކަމުގައި ޤައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ލަފާދޭ ކޮމިޓީއިން އެއިރު ލަފާވެސް ދީފައި ވެއެވެ." އެ މައްސަލައިގައި ޝިޔާމް ބުނެފައިވެއެވެ.
މީގެ އިތުރުން އުތުރުތިލަފަޅުގައި ކޯސްޓުގާޑުގެ ޑޮކްޔާޑަކާއި ހާބަރެއް ޤާއިމުކޮށް އެތަނަކީ ދިވެހި ސިފައިންގެ ކަނޑު އުޅަނދުފަހަރު މަރާމާތު ކުރުމަށާއި ބަނދަރު ކުރުމަށް ބޭނުންކުރާ ތަނެއްގެ ގޮތުގައި ތަރައްޤީކުރުމަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ ވިސްނުންފުޅެއް ކަމަށާއި، އެއިރު އެކަމާ ގުޅޭ ގޮތުން އިންޑިޔާއާ މަޝްވަރާ ކުރެއްވި ނަމަވެސް އެ ޤައުމުން އެކަމުގައި ހުށަހެޅި ޝަރުޠުތަކަކީ ދިވެހިރާއްޖޭގެ ޤައުމީ މަޞްލަޙަތަށް ރަނގަޅު ޝަރުޠުތަކެއް ކަމުގައި ޤަބޫލު ނުކުރެއްވޭތީ އެކަމުގައި ރާއްޖެއާއި އިންޑިޔާގެ މެދުގައި އެ ވެރިކަމުގައި އެއްބަސްވުމެއް ޤާއިމުކުރެވިފައި ނުވާ ކަމުގައި ވެސް އެ މައްސަލައިގައި ފާހަގަ ކޮށްފައިވެއެވެ.
ހަމައެހެންމެ މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިޔާ ގިނަ ޢަދަދަކަށް އިންޑިޔާ ސިފައިން ތިބެ އެ ސިފައިންނަށް ސަރުކާރުން ޚަރަދުކުރާއިރު، އެ ސިފައިންގެ ޢަދަދާއި އެ މީހުންނަށް ދައުލަތުން ކުރަމުންދާ ޚަރަދު ވެސް ހާމަކުރަން ސަރުކާރުން ދެކޮޅު ހަދާފައިވާ ކަން ވެސް ފާހަގަ ކޮށްފައެވެ.
ގައުމު ހަލާކުވެ ނުދަނީސް ގައުމު ސަލާމަތްކުރަަން ދިވެހިން ތެދުވޭ