އަދުރޭގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ކުރެއްވީ އިންކާރު
ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ އިންކާރު ކުރައްވައިފިއެވެ.
އަބްދުއްރަހީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ. ދައުލަތުން އިއްވާފައިވާ ދައުވާގައި ބުނެފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ހުކުމްކުރުމަށް ކްރިމިނަލް ކޯޓުގައި 28 ނޮވެމްބަރު 2019 ވަނަ ދުވަހު ބޭއްވި ޝަރީޢަތް، އެކޯޓުގައި ކުރިއަށް ދަނިކޮށް، ކްރިމިނަލް ކޯޓު ސަރަޙައްދުގައި ހިނގަމުންދިޔަ މުޒާހަރާގައިހުރެ، ހަޑިހުތުރު އެއްޗެހި ކިޔައި ހަޑިހުތުރު ބަސް ބޭނުން ކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި މިއަދުގެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ޢަބްދުﷲގެ ވަކީލު އަހުމަދު ހިޝާމް ވަޖީހު ވިދާޅުވީ ދައުވާއަށް އަބްދުއްރަހީމް އިންކާރު ކުރައްވާކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އަވަސް މައްސަލައެއްގެ ގޮތުގައި ޝަރީއަތް ކުރިޔަށް ގެންދަވާނެކަމަށެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ދިފާއުން ހުށައަޅަން ޖެހޭ ކަންކަން ހުށައެޅުމަށް ފުރުސަތު ދެއްވާ މިއަދުގެ އަޑު އެހުން ވަނީ ނިންމާލާފައެވެ.
ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ ތިންވަނަ ނަމްބަރުގައި ވާގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑި ހުތުރު އަމަލުތައް ކުރުމަކީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ކުރުމެވެ. އަދި އެއީ ކުށެކެވެ. އެ ކުށަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ.
ލޮލުނ ދެކެ އަތުން ހިފިޔަސް މިކަލޭގެ ހަދާނީ ދޮގު.