ވާހަކަ

ކުރު ވާހަކަ: ރައުދާ

ދެން އެމްވީ ، ދެން އޮންލައިން

ހަތާ ނެތި އުޅޭ ވައި ކުޅަނދުރެއްހެން ޔާނިޝް ދެއަަތަށް ހިނގާލަ ހިނގާލައި ހުއްޓެވެ. ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުން ޔާނިޝް އޮފީހަށް ދާކަށް ނުޖެހެއެެވެ. ވުމާ އެކު ޔާނިޝްގެ ފޫހިކަން އިންތިހާއެވެ.

Ads by MWSC

ޔާނިޝް އަކީ ދަލޭކައިދީ އާއި ޒުބޭރުގެ ލޯބީގެ ބަގީޗާގައި އެޅި ހަމަ އެކަނި މޭވާއެވެ.މި ދެމަފިރިންގެ ޔާނިޝް ފިޔަވައި އެހެން ދަރިއަކު ނެތުމާއެކު ޔާނިޝް ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. ޔާނިޝްގެ އާއިލާއަކީ ފުދުންތެރި އާއިލާއެކެެވެ. ރަށުގެ އެންމެން ވެސް ވަރަށް ޤަދަރު ކުރާ އާއިލާ އެކެވެ.

ދެކޮޅަށް ހިނގަ ހިނގާ ހުރި ޔާނިޝްގެ ފިޔަވަޅު ތަކަށް ކުއްލި މަޑު ޖެހުމެއް އައެވެ. ދެފައިގައި މީހަކު ކަސްތޮޅު އެޅުވި ފަދައެވެ. މޭގެ ތެރޭގައި އޮތް ހިތް ފުންމައިގެން ނުކުމެދާނެ ފަދައެެވެ. ކުރިމަތިން ހިނގާފައި އަންނަ ޖިންސުއްލަޠީފަށް ބަލަހައްޓައިގެން ހުރެވުނީ އާގަމަ ވެފައެވެ. ދުނިޔެ މަތީގެ ކަމެއް ބާވައޭ ވެސް ހީވި ހިނދުކޮޅެއް އައެވެ. ސިއްރުން ޖެހިލާ ވައިރޯޅި ވެސް ބޭޒާރު ކޮށްލާ ވަރުގެ ފަން, ރޭގަނޑެއް ފަދަ އިސްތަށިގަނޑެކެވެ. ކަޅުކަން ގަދަ ބުމައިގެ ތިރީގައި ވަނީ މުތެއް ފަދަ ޗާލު ދެލޮލެވެ. ލޭ ކޮޅެއްފަދަ ދެތުންފަތެވެ. އޮމާން, ލޫޅާފަތި ހަށިގަނޑެއްގެ ވެރިއެކެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ރީތިި ހުސްކުރި އަންހެނެކެވެ.

އެއްލި ކަޅިއަކުން, ޔާނިޝް އާއި އެއަންހެން ކުއްޖާގެ ހަަތަރު ކަޅި ހަމަވިއެވެ. ޔާނިޝްގެ ހިތް ފޫ އަޅުވާލީ އެއަންހެން ކުއްޖާގެ ތޫނު ނަޒަރެވެ. ފުރަަތަމަ ނަޒަރުން ވެސް ޔާނިޝްއަށް އެކުއްޖާ ވަރަށް ޚާއްސަ ވިއެެވެ. ރަކި ހިިނިތުންވުމެއް ތުންފަތަށް ވެރި ކުރުވަމުން އެކުއްޖާ ގޮސް ވަނީ ކަންމަތީ ފިހާރަައަށެވެ. ފިހާރައަށް ވަންނަން ދެން އެ ފަރި ހިނގުމަށް ބަލަހައްޓައިގެން ޔާނިޝްއަށް ހުރެވުނެެވެ.

ޔާނިޝްއަށް ހޭވެރިކަމެއްވީ މަންމަ ދަލޭކައިދީ ކާން އަންނަން ގޮވުމުންނެވެ. ކުޑަ ވަރެއްގެ ބަނޑުހައި ކަމެއް ވެސް އިހުސާސްވީ އެހިސާބުންނެވެ. މާދަމާ ވެސް އެއަންހެން ކުއްޖާ ފެނުމަށް އެދެމުން ހަލުވި ފިޔަވަޅު ތަކަކާ އެކު ޔާނިޝް ގޭތެރެއަށް ވަނެވެ.

ޖެހިގެން އައި ދުވަހު އޮފީހުން އައި ގޮތަށް ޔާނިޝް މަގުމައްޗަށް ނުކުމެ, ގޭ ދޮރުމަތީ ޖޯލީގައި އިނެވެ. ދެލޯ ބޭޤަރާރު ވަމުން ދިޔައީ އިއްޔެ ފެނުނު ޕަރީއެއް ފަދަ އަންހެން ކުއްޖާ ދުށުމަށް އެދިއެވެ. މިގޮތުގައި މާގިނައިރަކު އިންނާކަށް ޔާނިޝް އަކަށް ނުޖެހުނެވެ. ޔާނިޝްގެ ހިތުގެ މަލިކާ ފެނިއްޖެއެވެ. އެސޫރަ ފެނުމާއެކު ބޭއިޚްތިޔާރުގައި ތެދުވެވުނެވެ. އެއަންހެން ކުއްޖާ އަށް ވެސް ވީ ހަމަ އެވަރެވެ. ޔާނިޝް އިސްނަގައި އަތުގެ އިޝާރާތުން ކައިރިއަށް އައުމަށް އެދުނެވެ. ޔާނިޝްގެ އެދުމަށް އެކުއްޖާ ޔާނިޝްގެ ގާތަށް އައިސް ވާހަކަ ދެއްކިއެވެ. ފެންނަ ފެނުމަށް އެކުއްޖާ ވެސް ޔާނިޝްއާ ގަޔާވެއެވެ.

އެދުވަހު ޔާނިޝްއަށް އެއަންހެން ކުއްޖާގެ ނަމާއި ފޯނު ނަންބަރު ވެސް އެނގުނެވެ. ހޫރު ޕަރީއެއް ފަދަ މި އަންހެން ކުއްޖާގެ ނަމަކީ ރައުދާއެވެ. ވަގުތުން ފޯނުގައި ރައުދާ ޖަހާފައި އެނަންބަރު ރައްކާކުރިއެވެ. އޭގެ ފަހުން ދޭތެރެ ދޭތެރެއިން ގުޅައިގެން ވެސް ވާހަކަ ދެކެވެއެވެ. މިހާރު އޮފީހުން އައިސް ވެސް ޔާނިޝްގެ ވަގުތުތައް ހޭދަ ކުރަނީ ރައުދާއާ ވާހަކަ ދެއްކުމުގައެވެ. ވަގުތުތައް ދާގޮތެއް ވެސް ޔާނިޝްއަކަށް ނޭނގެއެވެ. ޔާނިޝްއަށް މިއައި ކުއްލި ބަދަލު އެންމެ ގާތުން ދުށީ ދަލޭކައިދީއެވެ.

ފާރުގައި ހަރުކޮށްފައިވާ ގަޑިން ރޭގަނޑު 9 ޖެހިކަން އިޢުލާނު ކުރީ ޔާނިޝް, ބޭރަށް ދާން ތައްޔާރު ވަނިކޮށެެވެ. އަތް ދިގު ވިލު ނޫކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ޔާނިޝް ފެންނަމުން ދަނީ ނިކަން ފިރިހެންވަންތަކޮށެވެ. ބައިމަތި ފުޅާ މޭމައްޗާއި ރޫފައިގެ ސަބަބުން ޔާނިޝްގެ ފިރިހެންވަންތަކަން އިތުރަށް ފުރިހަމަވެއެވެ. މިރެއަކީ ޔާނިޝްގެ ޙަޔާތަށް ވަރަށް ވެސް އުފާވެރި ރެއަކަށް ވާނެއެވެ. މިރެއަކީ ޔާނިޝް އާއި ރައުދާ ފުރަތަމަ ފަހަރަށް ބައްދަލުކުރަން ނިންމާފައިވާ ރެއެވެ.

ހަމަ އެވަގުތެވެ. ރީތިވާ މޭޒު ކުރިމަތީގައި ހުއްޓި ހުރެ ރައުދާ ދިޔައީ ބޮލުގައި ފުނާ އަޅަމުންނެވެ. ލައިގެން ހުރީ ގަދަ ރަތްކުލައިގެ މިޑީ އެކެވެ. ކަރުގައި އަޅާފައި އޮތް ރިހި ފަށާއި ހެދުމާއި ނުހަނު ގުޅެއެވެ. ފުނާ އެޅި އޮމާންކޮށް އޮތް އިސްތަށިގަނޑު ފަހަތަށް ދޫކޮށްލިއެވެ. މޭކަޕެއް ނެތަސް ރައުދާގެ މޫނުމަތި ޗާލެވެ. އެހާވެސް ސާދާ މޫނެކެވެ.

ބައްދަލުވާން ކިޔާފައިވާ ގަޑިއަށް ދެމީހުން ވެސް އެއްތަންވިއެވެ. ދެމީހުން އެކިއެކި ވާހަކަ ދެއްކިއެވެ. ހީސަމާސާކުރިއެވެ. އެރޭ ޔާނިޝް, ރައުދާއަށް ލޯބި ހުށަހެޅީ އަތުގައި އެސްޖެހި ކެވެލިކޮޅެއް އަޅުވައިދެމުންނެވެ. ރައުދާ އުފަލާއެކު ޔާނިޝްގެ ހުށަހެޅުން ޤަބޫލު ކުރިއެެވެ. އެ ވަގުތު ވީއުފަލެއްގެ ބޮޑުކަމުން ރައުދާގެ އަތުގައި ބޮސް ދެވުނީ ދުވަހަކު ވެސް ވަކި ނުވާނަމޭ ބުނާ ބީދައިންނެވެ.

މި އުފާވެރި ގުުޅުމުގެ ވާހަކަ ރައުދާ އަދި ޔާނިޝް ވެސް މައިންބަފައިންނަށް އެންގިއެވެ. އެމީހުން ވަގުތުން މި ކަމަށް އިޖާބަ ދިނީ ކައިވެނި އަވަސް ކުރުމަށް އެދެމުންނެވެ. މިހާރު ޔާނިޝް އާއި ރައުދާ އަށް ހީވަނީ ދެ އީދު އެއްފަހަރާ އައިސްގެން އުޅޭހެންނެވެ. މާގިނަ ދުވަސްތަކެއް ނުވެ މި ދެކުދިންގެ ކައިވެނި ވެސް ކުރެވިއްޖެއެެވެ. އެއީ އެކުދިިންގެ މައިންބަފައިން ބޭނުންވި ގޮތް ވެސް މެއެވެ.

ދުވަސްތައް ހަފުތާތަަކަކަށްވެ, ހަފުތާތައް މަސްތަކަކަށް ބަދަލު ވަމުން ދިޔައީ އެސްފިޔަ ޖަހާލާހައި މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. މިއަދަކީ ޔާނިޝްގެ ކައިވެންޏަށް 2 އަހަރު ފުރޭ ދުވަސް ކަމުން ޔާނިޝް ތައްޔާރުވީ ރައުދާއަށް ރަތް ފިނިފެންމަލުގެ މާބޮނޑިއެއް ދޭށެވެ. މާބޮނޑި ގަނެގެން ގެއަށް އައިސް ވަތްއިރު ރައުދާ ފެންނާކަށް ނެތެވެ. ކޮޓަރީ ދޮރު ހުޅުވާލަމުން މާބޮނޑި ފަހަތަށް ލައި ފޮރުވާލީ ރައުދާއަށް ފެނިދާނެތީއެވެ. ކުއްލިއަކަށް ރައުދާ ފަހަތުން އައިސް މާބޮނޑި އަތުލަމުން ކަންފަތް ކައިރީގައި ސިއްރުން ބުނެލީ އޭނާ ބަނޑުބޮޑު ކަމުގައެވެ. ޔާނިޝްއަށް ރައުދާގެ މިޖުމްލަ އަޑު އިވުނީ ކަންފަތް ކައިރީގައި މީހަކު ކުޅެލި މިއުޒިކެއް ފަދައިންނެވެ. ވީއުފަލެއްގެ ބޮޑުކަމުން ރައުދާގެ ބަނޑުގައި ބޮސްދެވުނެވެ.

........................

ދެފަރާތުގެ އާއިލާ އަދި ވަކިން ޚާއްސަކޮށް ޔާނިޝް ވެސް މިހާރު އިންތިޒާރު ކުރަމުން ދަނީ އަލަތު ދަރިފުޅު ދެކިލުމަށެވެ. ރައުދާގެ ބަނޑަށް 8 މަސް ފުރި 9 ވަނަ މަހަށް އެޅިއެވެ. ރައުދާގެ ހަށިގަނޑު ހުންނަލެއް ނިކަމެތިކަމުން މާބަނޑު މީހެކޭ ބުނާ ވަރެއް ވެސް ނުވެއެވެ.

އެއް ދުވަހެވެ. ޓީވީ ބަލަން އިން ރައުދާގެ ބަނޑުގައި ގަދަޔަށް ރިއްސަން ފެށިއެވެ. ވޭނަށް ކެތް ނުކުރެވިގެން ޔާނިޝް އަށް ދެފަހަރަކު ގޮވިއެވެ. ލޯބިވާ އަނބިމީހާގެ ވޭނުން ފުރިފައިވާ އަޑަށް ކުރަން ހުރި މަސައްކަތް ދޫކޮށް އަވަހަށް ރައުދާ ގޮވައިގެން ހަސްފަތާލަށް ދިޔައެވެ. އޭރުވެސް ރައުދާ ތެޅިފޮޅެނީއެވެ. ނަރުސް ދެކުދިންގެ އެހީއާއެކު ވިއްސާ ކޮޓަރިއަށް ރައުދާ ވެއްދުނެވެ. އޭރު ދެފަރާތުގެ އާއިލާއިން ވެސް އައިސްފިއެވެ. ނަރުސް ކުދިންގެ އެދުމުގެ މަތިން ބޭރުގައި މަޑު ކޮށްލައިިގެން ހުރި ޔާނިޝް ދިޔައީ ވަގުތު ގުނަމުންނެވެ. ރައުދާ ވިހާނެ އިރަކަށެވެ.

އިރުގަނޑެއް ފަހުން ވިއްސާ ކޮޓަރީގެ ދޮރު ހުޅުވާފައި ނުކުތީ ނަރުސް ކުއްޖެކެވެ. ނަރުސް ކުއްޖާގެ އަތްދަނޑި މަތީގައި ހުދު ފޮތިކޮޅަކަށް ލާފައި އޮތީ ލޯބިލޯބި މަޢުޞޫމު ފުރާނައެކެވެ. އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ދުއްވައިގަނެވުނެވެ. ޔާނިޝް އޭނާގެ ފުރާނަފަދަ ދަރިފުޅު އުރާލިއެވެ. އަދި ރައުދާގެ ޙާލު ރަނގަޅުތޯ އެއްސެވެ. ނަރުސް ކުއްޖާ ވަގުތުން އިސް ޖަހާލިއެވެ. ގޯހެއްވެއްޖެކަން ފުރަތަމަ ފަހަރަށް ޔާނިޝްއަށް ވިސްނުނެވެ. ވުމާއެކު ތަކުރާރުކޮށް ނަރުސް ކުއްޖާ ގާތު އެހުނެެވެ. ނަރުސް ކުއްޖާ މާޔޫސީ ރާގަކަށް ބުނިހާ ވެސް އެއްޗަކީ " ޝީ އިޒް ނޯ މޯ.." އެވެ. އާނއެކެވެ. ދަރިފުޅު ވިހާފައި ލޭމަނާ ނުވެގެން މި ދުނިޔެ ދޫކޮށް ރައުދާ ވަކިވީއެވެ. ޔާނިޝްގެ ކަންފަތަށް ހީވީ ހޮނު އެޅިހެންނެވެ. ޔާނިޝްގެ ދުނިޔެ އެނބުރިގަތްހެން ހީވިއެވެ. މިޚަބަރު އަޑު އިވުމުގެ ކުރިން އޭނާ ބީރުވިނަމައޭ ހިތަށް އެރިއެވެ. އެޚަބަރާއެކު ކަނޑާ ވައްޓާލި ރުކެއްހެން ޔާނިޝްގެ މަންމަ ވެއްޓުނެވެ. އިސާހިތަކު އެންމެން އަޑުނަގާ ރުޔެވެ. ޔާނިޝް ވެސް ރައުދާގެ ދިރުމެއްނެތް ހަށިގަނޑުގައި ބައްދައިގެން އޮވެ އަޑުން އަޑުނަގާ ރުޔެވެ. އެހެނަސް ކުރާނީ ކީއް ހެއްޔެވެ. ކިތަންމެ ވަރަކަށް ކަރުނަ އޮހޮރިޔަސް ރައުދާ ދެނެއް ނާންނާނެއެވެ. މީ ކޮންފަދަ ބޮޑު އިމްތިޙާނެއް ބާވައެެވެ.

މިއަދު ރައުދާ ވަކިވެގެން އެ ދިޔައީ ބޮޑު އަމާނާތެއް ޔާނިޝްއަށް ހަދިޔާ ކޮށްފައެވެ. ރައުދާ ފަދަ ކުޑަކުޑަ ރައުދާއެކެެވެ. ޔާނިޝް އަބަދުވެސް އެ އަމާނާތަށް ރައްކާތެރިވާނެއެވެ. އެއީ ޔާނިޝްގެ ދެލޮލުގެ ނޫރެވެ. ހިތުގެ ދިރުމެވެ. ލޯބީގެ ހަމައެކަނި ނިޝާނެވެ.

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. މިވާހަކަ ހުށަހަޅާފައިވަނީ ޖުމާނާ މާހިރުއެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރަށްވާށެވެ.

Ads by Allied Insurance
  1. ކްރޫލްގައީ.

    އެހާ ކަމަކު ނުދިޔަ. މާ ބޮޑަށް ބިންގަބްޑު ފައިދަށުން ދެނޭ ކަހަލަ ގޮތަށް ލިޔެފަ ހުރީ. މިހާރުގެ ކުދން ތިޔަށް ޖަހާނީ ޖޯކްސް. ސޮރީ ގާރލް.

    • ުައަލީ

      ވާހަކަ ވެރީ ބިއުޓިފުލް … ކަލޭމެން ކަހަލަ ތަނެތްދޮރެއް ނީންގޭ މީހުން ޖޯކުޖަހާނީ ..

    • ރަނާ

      ވާހަކަ ވަރަށް ސަޅި..ވާހަކައިގެ ވާނުވާ ނޭނގެންޔާ ރަނގަޅު ވާނީ ފާޑު ނުކިއްޔާ..

  2. ރާއްޖޭ މީހާ

    ވަރަށް ރީތި ފުރިހަމަ ވާހަކައެއް. މިބުރު ފެނިގެން ދިޔަ ތަފާތު ވާހަކައެއް

    • ޝާމަލް

      ވާހަކައިގެ މައިގަނޑު ހާދިސާ ސަޅި.

      • ަރަާއްޖޭގެ ފަހުގެ ތާރީޙެއްގައި ހިނގާފައި އޮތް ކަމެއް ވީމަ. ހަގީގަތަކީ އަބަދުވެސް ހިތި އެހެނަސް ގަބޫލުކުރަންޖެހޭ އެއްޗެއް ވީމަ.