ބައެއް މީހުން ނަމާދު އަޅަނީ ފެން ތައްޓެއް ބޯލުންހައި ފަސޭހަ ކަމެއްގެ ގޮތުގައި:ޒައިދު
ބައެއް މީސްތަކުން ނަމާދު އަޅަނީ ފެން ތައްޓެއް ބޯލުންހައި އަދި ބޮލުން އިސްތައްޓެއް ނައްޓާލުންހައި ފަސޭހަ ކަމެއްގެ ގޮތުގައި ކަމަށް ޝައިޚް ޢަލީ ޒަޢިދު ވިދާޅުވެއްޖެއެވެ.
ރަމަޟާންމަހުގެ ދުވަސްތައް އިހްޔާ ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ޢަޞްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވާ ދަރުސް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒައިދު ވިދާޅުވީ ނަމާދު އެޅުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި ﷲއަށް ބިރުވެތިވުމަށް ގޮވާލައްވާ ކަމަށެވެ.
ޒައިދު ވިދާޅުވީ ނަމާދަށް ބަންގި ގޮވާ ނަމާދު ކުރަމުން ދާ ހިނދު ވެސް ނަމާދު ނުކޮށް ވެކްސިން ޖެހުމަށް މީހުން ކިޔުތަކުގައި ތިބޭ ކަމަށާއި ޒަރޫރީ ހާލަތެއް ނެތް ބޭފުޅުން އެގޮތަށް އެކަން ނުކުރެއްވުމަށް އެދޭ ކަމަށެވެ.
"ބަލިން ރައްކާތެރިވާން ވެގެން ވެކްސިން ތިޔަ ޖަހަނީ ، އެކަމަކު ބަލި ޚަލްޤު ކުރެއްވި އިލާހު ، ބަލިން މީހުން ރައްކާތެރި ކުރައްވާ އިލާހުގެ އަމުރުފުޅު އައިމާ އެ ބޮލާލާއި ޖަހާފައި ގޮސް ވެކްސިން ޖެހުން ބައެއް މީހުންނަށް މިވަނީ މުހިންމު ކަމަކަށް ވެފައި ، ސުބުހާނަﷲ" ޒައިދު ވިދާޅުވިއެވެ.
ޒައިދު ވިދާޅުވީ ވެކްސިން ޖެހުމުގައި މައްސަލައެއް ނެތް ކަމަށާއި ނަމަވެސް ވެކްސިން ޖަހަން ފެށުމުގެ މާކުރިން ، ނަމާދު އަޅައިފައި ގޮސް ކިއުތަކުގައި އެތައް އިރަކު ތިބޭއިރު ނަމާދުގައި ތިބެން ބައެއް މީހުންނަށް ފަސް މިނެޓް ވެސް ދިގު ކަމަށެވެ.
ޒައިދު ވަނީ މި ރަމަޟާން މަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ﷲއަށް ތަގުވާވެރިވުމަށް ނަސޭހަތްތެރިވެ ވަޞިއްޔަތް ކުރައްވައިފައެވެ.