ރިޕޯޓް

ކޮންމެ ދުވަހަކު ވެސް ހޭލަނީ އިތުރު މަރެއްގެ ޚަބަރު ނުލިބޭނެ ކަމުގެ އުއްމީދުގައި!

މުޙައްމަދު ޝިފާއު
މުނައްވަރު ވަޅުލި މީހުންގެ އަދަދު 100 އިން މަތި -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މީހުންތައް ގިސްލާ ރޮނީއެވެ. އެއްބަޔަކު ގޭގައި ތިބުމަށް އެދި އާދޭސް ކުރަނީއެވެ. އެހެނެއްކަމަކު އަނެއް ބައި މީހުން އެއްވެސް ފިކުރެއް ޚިޔާލެއް ނެތި މަގުމަތީގައި އުޅެމުންދަނީ އެއްވެސް ބިރެއް ނެތިއެވެ. ނުރައްކާތެރި ކޮވިޑް-19 މުޅި ދުނިޔެ ސުންނާފަތި ކުރަމުން ދަނީއެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް މި ބަލި ނެތް ރަށެއް އިނގިލިން ގުނާލެވޭހާ މަދެވެ. މި ބަލީގައި އެތައް ބަޔަކު ފަނާވަނިވި ދުނިޔެ ދޫކޮށް ދާއިމީ މަންޒިލަކަށް ދަތުރުކޮށްފިއެވެ.

އައު ދުވަހަކަށް އިރުއެރުމާއެކު މިއަދު އިތުރު މަރެއްގެ ޚަބަރު ލިޔަން ނުޖެހޭނެ ކަމުގެ އުއްމީދުގައި ހޭލަމުއެވެ. ނަމަވެސް ފަހަކަށް އައިސް ކޮވިޑްގައި ރާއްޖެއިން މީހަކު ނިޔާވެގެން އުޅޭ ޚަބަރެއް ލިޔަން ނުޖެހޭ ދުވަހެއް ނާދެއެވެ. އެކި އާއިލާތަކަށް ގުޅައި، މައުލޫމާތު ހޯދާލުމުން ވެސް ލިބިގެން ދަނީ ޝަކުވާތަކެވެ. އިވެނީ ވޭނީ ރުއިމުގެ އަޑެވެ. އަޅުގަނޑުމެންގެ މަސައްކަތަކީ އެބޭފުޅުންގެ އާދޭހުގެ އަޑު މުޅި ގައުމަށް އިއްވައިދިނުމެވެ. އެފަދަ ބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޔަތުގައެވެ.

ނަމަވެސް ފެންނަމުން ދަނީ އެންމެ އެކަށޭނެ މަންޒަރެއް ނޫނެވެ. އިވެން ޖެހެނީ އިވެން ޖެހޭ އަޑެއް ނޫނެވެ.ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މި ބަލި ރާއްޖެއިން ނައްތާލެވޭތޯ އަންނަނީ ކެނޑިނޭޅި އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. ހަރުކަށި އެތައް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބަދަލުގައި ރައްޔިތުން އެކަމަށް ދެނީ ނުރުހުމުގެ ބަދު ބަސްތަކެވެ.

މި ބުރަ މަސައްކަތް ކުރަމުން ދަނީ ރޮބޮޓުން ނޫންކަން ދަންނާށެވެ. ރެއާ ދުވާލު ނިދި ނަގައިލުމަށް ފަހު އެބޭފުޅުން މަސައްކަތް ކުރައްވަނީ ގައުމަށް ޓަކައެވެ. ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައެވެ. ވީއިރު އެފަދަ ހަރުކަށި ފިޔަވަޅުތައް މިއަދު އެބޭފުޅުންނަށް އެޅުމަށް މަޖުބޫރުވީ ޚުދު ރައްޔިތުންގެ ސަލާމަތަށް ޓަކައެވެ. ލުއި ދިނީތީ މިނިވަންވީ ކަމަށް ދުށުމުންނެވެ.

މިއަދު މުޅި ރާއްޖެ ވެސް ވަނީ އަޅުގަނޑުމެން ހީ ވެސް ނުކުރާހާ ބޮޑު ނުރައްކަލެއްގެ ތުންފަތް މަތީގައެވެ. މި ނުރައްކަލުން އަރައިގަނެވޭނީ އަޅުގަނޑުމެން އެންމެން ވެސް އެއް އޮޑިއެއްގައި އެއް އަންބާއެއް ކިޔައިގެން މަސައްކަތް ކޮށްގެންނެވެ. ބޭނުންވަނީ ކެތްތެރިކަމެވެ. އަދި ކޮންމެ ބޭފުޅެއް ވެސް އެބޭފުޅެއްގެ ފަރުދީ ޒިންމާ އަދާ ކުރުމާއެކު، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ބޯ ލެނބުމެވެ. އޭރުން މާތްﷲ ގެ އިރާދަފުޅުން ނުރައްކާތެރި ކޮވިޑްގެ ވަބާއިން ސަލާމަތް ވެވޭނެކަން ޔަގީނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!