މާލޭގައި އަނެއްކާ ވެސް ރެންޑަމް ސާމްޕަލް ނަގަނީ
ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ފްލޫ ކްލިނިކަށް ދައްކާ މީހުންގެ އަދަދު އިތުރުވެ ފްލޫ ކްލިނިކުން ނަގަން ޖެހޭ ސާމްޕަލްތައް އިތުރުވުމުގެ ސަބަބުން ރެންޑަމް ސާމްޕަލް ނެގުން ހުއްޓައިލައިފައި އޮތުމަށް ފަހު މިއަދުން ފެށިގެން އަނެއްކާ ވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ރެންޑަމް ސާމްޕަލް ނެގުން ކުރިއަށް ގެންދާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އެޗްއީއޯސީއިން މިއަދު ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު 380 ސާމްޕަލް ނެގުމަށް މަސައްކަތް ކުރާނެ ކަަމަށެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހިގެން މިހާތަނަށް 189 މީހަކު ވަނީ ނިޔާވެފައެވެ. އަދި މީގެ ހަފްތާއެއް ކުރިން ޖޫން މަހުގެ 2 ވަނަ ދުވަހު 10 އަހަރުގެ ކުއްޖަކު ވެސް މި ބަލީގައި ނިޔާވެފައިވާއިރު އެ ކުއްޖާގެ މަރުގައި ގިނަ އިހުމާލުތަކެއް ކުރި ކަމަށް ސަރުކާރުން ވެސް ވެސް ވަނީ އެއްބަސް ވެފައެވެ. އަދި ހެލްތު މިނިސްޓްރީގެ ރިޕޯޓުން ވެސް އެކަން ވަނީ ސާބިތުވެފައެވެ.
ފާއިތުވެދިޔަ މެއި މަހު އެކަނި ވެސް 89 މީހަކު ވަނީ މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ. އެ މަހުގެ 24ވަނަ ދުވަހު 13 މީހަކު މި ދުނިޔެ ދޫކޮށްފައިވެއެވެ. އެއީ މި ބަލީގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.
މިދިޔަ މެއި މަހަކީ ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ވަގުތެވެ. އެ މަހު އެކަނި ވެސް 24،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވެއެވެ. އަދި 89 މީހަކު މަރުވިއެވެ.