ޚަބަރު

އަނގޮޅިތީމުން އަލިފުއްޓަށް 1،130 ކާށި ހަދިޔާ ކޮށްފި

މުޙައްމަދު ޝިފާއު
{"uid":"443F8DD1-9119-4B96-A0DD-84FC19FA8B29_1624289586694","source":"other","origin":"unknown"}

ރ. އަނގޮޅިތީމުން އެ އަތޮޅު އަލިފުއްޓަށް 1130 ކާށި ހަދިޔާކޮށްފިއެވެ.

އަނގޮޅިތީމު ކައުންސިލްގެ ނައިބު މުހަމަދު ޝަހީން "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރ އަތޮޅުގައި މި ވަގުތު މޮނިޓަރިންއަށް ލެވިފައިވާ ރަށްތަކަށް އަނގޮޅިތީމުން އެހީިތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތެއް ފަށައިފައިވާ ކަމަށާއި، އެގޮތުން އަލިފުއްޓަަށް ހަދިޔާ ކުރި 1130 ކާއްޓަކީ ވެސް އެ ހަރަކާތުގެ ދަށުން ކުރި ކަމެއް ކަމަށެވެ.

އަޅުގަނޑުމެން އަތޮޅުގެ މޮނިޓަރިންގަ އޮތް ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދެނީ މި. ދެން އަލިފުށި މީ ތިންވަނަ ރަށް. މީގެ ކުރިން ދުވާފަރާ ހުޅުދުއްފާރަށް ވެސް ހުންނާނެ އެހީތެރިކަން ފޯރުކޮށްދީފަ. ދެން ކުރިއަށް އޮތް ތާނގަ އެހީތެރިކަން ފޯރުކޮށްދޭނެ ރަށެއް އަދި ކަނޑައެއް ނާޅަން

ޝަހީން އިތުރަށް ވިދާޅުވީ، އަލިފުށްޓަކީ މިގޮތަށް އަނގޮޅިތީމުން އެހީތެރިކަން ފޯރުކޮށްދިން ތިންވަނަ ރަށް ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އަނގޮޅިތީމާ އަވަށްޓެރި ހުޅުދުއްފާރަށް އެއް ޓަނު ރޯމަސް ވަނީ ހަދިޔާ ކޮށްފައެވެ. އަދި އެެއަށް ފަހު ދުވާފަރަށް 2000 ކާށި ވެސް ހަދިޔާ ކޮށްފައިވާ ކަމަށް ޝަހީން މައުލޫމާތު ދެއްވިއެވެ.

ޝަހީން ވިދާޅުވީ މި މަސައްކަތަކީ ރައްޔިތުންނާއި ރަށުގެ ޒުވާނުން އިސްނަގައިގެން ރަށުގެ ކައުންސިލާ ގުޅިގެން ހިންގަމުން އަންނަ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށެވެ. އަދި އެކަމަށް ރަށުގެ އެންމެހާ ރައްޔިތުންނަށް އިޚްލާސްތެރި ޝުކުރެއް ވެސް ޝަހީން ވަނީ ވިދާޅުވެފައެވެ.

ޝަހީން ވިދާޅުވީ އަނގޮޅިތީމު ސުކޫލުގެ އިސްލާމް ޓީޗަރު އިބްރާހިމް ފިކްރީ (އިއްބެ ސާރ)އަށް މިކަމުގައި ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ޚާއްސަ ޝުކުރެއް މުޅި ރައްޔިތުންނާ ކައުންސިލްގެ ނަމުގައި އަދާ ކުރަން ބޭނުންވާ ކަމަށެވެ. ހުރިހާ ރަށަކަށް ވެސް އެހީގެ ސާމާނު ފޯރުކޮށްދިނުމުގައި ދަތުރުކުރުމަށް ބޭނުންވާ އުޅަނދުގެ އެންމެހާ ކަންކަން ހިލޭ ސާބަހަށް ހަމަޖައްސައިދެނީ އިއްބެ ސަރ ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

އަނގޮޅިތީމުން އަލިފުށްޓަށް 1130 ކާށި ހަދިޔާ ކުރިއިރު، އެރަށުގައި 200އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ، މުޅިރަށް ވަނީ މޮނިޓަރިންއަށް ލެވިފައެވެ. އަދި އަނގޮޅިތީމުގެ ފަރާތުން ލިބުނު މި އެހީތެރިކަމަށް އަލިފުށި ކައުންސިލުން ވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!