ޑރ. މުޙައްމަދު މުޢިއްޒު
އަދާލަތު ޕާޓީން ސިޔާސީ ހަޔާތް ފެއްޓެވި ޑރ. މުހައްމަދު މުއިއްޒު އަކީ ތައުލީމީ ބޭފުޅެކެވެ. މާލެއިން ތައުލީމު ހާސިލް ކުރެއްވުމަށްފަހު ސްޓްރަކްޗާ އިންޖިނިއަރިން ދާއިރާއިން ޑިގްރީ، ސިވިލް އިންޖިނިއަރިން ދާއިރާއިން މާސްޓާޒް އަދި ސިވިލް އިންޖިނިއަރިން ދާއިރާއިން ޕީއެޗްޑީ ހާސިލްކުރެއްވި އެވެ. ޕީއެޗްޑީ ހާސިލް ކުރެއްވީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ލީޑްސް އިންނެވެ.
2005 ވަނަ އަހަރުން ފެށިގެން އަދާލަތު ޕާޓީގައި މަސްއޫލުވެ އުޅުއްވި މުއިއްޒު އެޕާޓީން ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މުއިއްޒު އޭރު ގުޅުނީ އެމްޑީއޭ އާ އެވެ. އެހެންނަމަވެސް އެޕާޓީގައި މާ ގިނަ ދުވަހެއް ނުވެ މުއިއްޒު ޕީޕީއެމްއަށް ސޮއި ކުރެއްވި އެވެ. އެއަށްފަހު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވައި އެޕާޓީން ވަކިވެވަޑައިގެންނެވީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވިއްޖެނަމަ ޕީއެންސީން ނެރޭ ރިޔާސީ ކެނޑިޑޭޓު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި ވާދަކުރައްވާށެވެ. މިހާރު ޑރ. މުއިއްޒު އަކީ ޕީއެންސީގެ މެމްބަރެކެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ހައުސިންގް މިނިސްޓަރުކަން ކުރެއްވި މުއިއްޒު އަކީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ހައުސިންގް މިނިސްޓަރެވެ. ވެރިކަން ބަދަލުވުމަށްފަހު މުއިއްޒު ވާދަކުރެއްވީ މާލެ ސިޓީގެ މޭޔަރުގެ މަގާމަށެވެ. މުއިއްޒު އަކީ އެމްޑީޕީ ނޫން ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރައްވައި މާލޭ ސިޓީ މޭޔަރުގެ މަގާމަށް އިންތިހާބުވި ފުރަތަމަ ބޭފުޅާ އެވެ.
މުއިއްޒު އަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގެވި އުމްރާނީ މަޝްރޫއުތަކުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅާ އެވެ. އޭގެ ތެރޭގައި ކިންގް ސަލްމާން މިސްކިތާއި، ސިނަމާލޭ ބްރިޖާއި، ރަސްފަންނު އަދި ރަސްރަނި ބަގީޗާ (މިހާރު ސަލްޓަން ޕާކު) ހިމެނެ އެވެ.