މުޙައްމަދު ނާޒިމް
މުހައްމަދު ނާޒިމް ރިޔާސީ އިންތިހާބަށް ނިކުންނަވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޓިކެޓުގަ އެވެ. އެޕާޓީއަކީ ނާޒިމް އިސްވެ ހުންނަވައި އުފެއްދެވި ޕާޓީ އެކެވެ. އޭނާއަކީ މިވަގުތު އެމްއެންޕީގެ ލީޑަރެވެ.
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރުކަން ކުރައްވާ ނާޒިމް އެންމެ ފުރަތަމަ ގައުމަށް ހިދުމަތް ކުރައްވަން ފެއްޓެވީ އަސްކަރިއްޔާގެ އޮފިސަރެއްގެ ގޮތުގަ އެވެ. އެކި ރޭންކުތަކުގައި މަސައްކަތް ކުރެއްވުމަށްފަހު ނާޒިމް އަސްކަރިއްޔާއިން ރިޓަޔާ ކުރެއްވީ 2011 ވަނަ އަހަރެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއި ދެކޮޅަށް އިސްކޮށް ނިކުންނަވައި އޭރު ކުރަމުންދިޔަ ބޮޑު މުޒާހަރާތަކުގައި ނާޒިމް އިސް ރޯލެއް އަދާކުރެއްވި އެވެ. އެއަށްފަހު އެވެރިކަން ބަދަލުވުމާއިއެކު ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ރައީސް ކަމުގައި ޑިފެންސް މިނިސްޓަރަކަށް ވެވަޑައިގެން ހިދުމަތް ކުރެއްވެވި އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައިވެސް ފުރަތަމަ ޑިފެންސް މިނިސްޓަރަކަށް ހުންނެވީ ނާޒިމް އެވެ. ފިސްތޯލައެއް ގެންގުޅުމުގެ ކުށުގައި ޖަލަށް ވަޑައިގެންނެވުމާއި ހަމައަށް ނާޒިމް ދެމިހުންނެވީ މިނިސްޓަރުގެ މަގާމުގަ އެވެ.
މަޖީދިއްޔާ ސްކޫލުން ކިޔަވައި ވިދާޅުވި ނާޒިމް އަސްކަރިއްޔާ އާއި ގުޅިވަޑައިގެންނެވީ އުމުރުން އެންމެ 19 އަހަރުގަ އެވެ. ނާޒިމް ވަނީ ރާއްޖޭގައި ހިންގި ހުރިހާ އަސްކަރީ ތަމްރީނެއް ފުރިހަމަ ކުރައްވައިފަ އެވެ. ޖޫނިއާ ރޭންކުން ހިދުމަތް ފެއްޓެވި ނާޒިމް ރިޓަޔާ ކުރެއްވީ ކާނަލް ރޭންކުގައި ހުންނެވުމަށްފަހު އެވެ. މާސްޓަ އޮފް މިލިޓަރީ ސައިންސް ފުރިހަމަ ކުރައްވައި، ޔުނައިޓެޑް ނޭޝަންސް މިލިޓަރީ އޮބްޒާވާ ކޯސް ފުރިހަމަ ކުރެއްވުމުގެ އިތުރުން އޭނާއަކީ އޭޝިއާ-ޕެސިފިކް ސެންޓަރ ފޯރ ސެކިއުރިޓީ ސްޓަޑީޒްގެ އެލުމްނައިއެކެވެ.