ފާރިސް މައުމޫނު

 ފާރިސް މައުމޫނަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ އެންމެ ދޮށީ ދަރިކަލުންނެވެ. އޭނާ ދައުލަތަށް ހިދުމަތް ކުރައްވަން އެންމެ ފުރަތަމަ ފެއްޓެވީ 2013 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ދެ އަހަރުގެ މުއްދަތަކަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވި އެވެ.

އޭގެ ފަހުން 2015 ވަނަ އަހަރު ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެން ހިދުމަތް ކުރައްވަން ފެއްޓެވި އެވެ. ރައީސް ޔާމީންގެ ދައުރުގެ ފަހު އަހަރު ފާރިސްގެ މެމްބަރުކަން ގެއްލުނީ އޭނާ ހައްޔަރުކޮށް ޖަލަށް ލުމުންނެވެ.

ފާރިސް ސާނަވީ ތައުލީމު ހާސިލް ކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. އަދި މަތީ ސާނަވީ ތައުލީމު ހާސިލް ކުރެއްވީ އިނގިރޭސިވިލާތުންނެވެ. އޭގެ ފަހުން ހަމަ އެގައުމުގައި ހުންނަވައި ކޮމްބައިންޑް ސޯޝަލް ސައިންސްގެ ދާއިރާއިން ބީއޭ ހާސިލް ކުރެއްވި އެވެ. އަދި އޮސްޓްރޭލިއާއަށް ވަޑައިގެން އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން އެމްއޭވެސް ފުރިހަމަކުރެއްވި އެވެ.

2005 ވަނަ އަހަރު އޭރުގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އިސްވެ ހުންނަވައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުފައްދަން ފުރަތަމަ ސޮއިކުރެއްވި 50 މެމްބަރުންގެ ތެރޭގައި ފާރިސް ހިމެނިވަޑައިގަންނަވަ އެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފާރިސް ހުންނެވީ ބައްޕާފުޅުގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގަ އެވެ.

އޭގެ ފަހުން ޑީއާރުޕީ ބައިބައިވެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގައިވެސް ފާރިސް އިސްކޮށް މަސައްކަތް ކުރެއްވި އެވެ. އެޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ދުވަސްތަކެއް ހުންނެވުމަށްފަހު ވަކިވެވަޑައިގެންނެވީ ރައީސް ޔާމީނާއި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގަ އެވެ.

ޕީޕިއެމްއިން ވަކިވެވަޑައިގެން މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. އެހެންނަމަވެސް އެޕާޓީގައި ގާނޫނީ އަދަދަށް މެމްބަރުން ހަމަވެފައިނުވާތީ އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމް އުވައިލަން ނިންމި އެވެ.

ފަހުގެ

ފާރިސް މައުމޫނު

އުފަން ތާރީޙް

31 މާރިޗު 1971 (52 އަހަރު)

ތަޖުރިބާ
  • މަޖިލިސް މެންބަރުކަން ކުރެއްވި
ރަނިންމޭޓް

ޑރ. އަބްދުއްސައްތާރު ޔޫސުފް

- ދުވަސް
- ގަޑިއިރު
މިނެޓް
- ސިކުންތު