ޤާސިމް އިބްރާޙިމް
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ނިކުންނަވާ ގާސިމް އިބްރާހިމް އަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ބޮޑު އެއް މަހުޖަނެވެ. އޭނާ އަކީ ވިލާ ކުންފުނި މެދުވެރިކޮށް އެކި ދާއިރާތަކުން ވިޔަފާރި ހިންގަވާ ބޭފުޅެކެވެ.
ދިއްދޫއިން އަސާސީ ތައުލީމު ހާސިލް ކުރައްވައި މާލެ ވަޑައިގެން ވަޒީފާ އަދާކުރައްވަން ފެއްޓެވި އެވެ. އެގޮތުން ސަރުކާރު ހޮސްޕިޓަލްގެ އެއް ނަންބަރު ކާތިބު ކަމާއި އެކައުންޓެންޓުކަން އަދާކުރެއްވި އެވެ. މީގެ އިތުރުން ސަރުކާރުގެ ބޮޑު އިސްޓޯރު (އެމް.ޖީ.ބީ.އެސް) ގެ މެނޭޖަރުކަމުގެ އިތުރުން އެލިޔާ ފަރުނީޗަރު ފިހާރައިގެ މެނޭޖަރު ކަމާއި ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އަމިއްލަފުޅު ވިޔަފާރިއެއް ކަމުގައިވާ ކްރެސެންޓްގެ މެނޭޖަރުކަން ވެސް ކުރެއްވި އެވެ.
ގާސިމް އަކީ ފެހި ގާނޫނު އަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި، ދިވެހި ދައުލުގެ ގަވަރުނަރުކަމާއި، ދިވެހި ސަރުކާރުގެ މާލީ ވަޒީރުކަމާއި، ދާހިލީ ވަޒީރުކަމާއި، އަރިއަތޮޅާއި، މާމިނގިލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރނަރުކަމާއި، ވޯލްޑް ބޭންކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރުކަންވެސް ގާސިމް ކުރެއްވެވި އެވެ.
ރާއްޖޭގެ ސިޔާސީ އޮއިވަރު ބަދަލުވަމުން ދިޔަ ދުވަސްވަރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ސޮއިކުރެއްވި 42 މީހުންގެ ތެރޭގައި ގާސިމް ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ފަހުން ރައީސް މައުމޫނާއި ދެކޮޅަށް ކުރި ބޮޑެތި މުޒާހަރާތަކުގައި ގާސިމް އިސްކޮށް ބައިވެރިވެވަޑައިގެންނެވި އެވެ. އެގޮތުން ކުރި ބޮޑު މުޒާހަރާއެއްގެ ތެރެއިން 2004 ވަނަ އަހަރު ގާސިމް ހައްޔަރުކޮށް އޭނާއަށް ދައުވާކުރި އެވެ. އެދައުވާ އަނބުރާ ގެންދެވީ އެއަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާއި ގުޅިގެންނެވެ.
އެމްޑީޕީން ވަކިވެވަޑައިގެން ގާސިމް ޑީއާރުޕީއާއިވެސް ގުޅިވަޑައިގެންނެވި އެވެ. އެހެންނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ ޖުމްހޫރީ ޕާޓިގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައި 2008 ވަނަ އަހަރު ރިޔާސީ ރޭހަށް ނިކުންނެވި އެވެ. އޭގެ ފަހުން 2013 ވަނަ އަހަރުގެ އިންތިހާބުގައިވެސް ވާދަކުރެއްވި އެވެ. ދެފަހަރުވެސް ނާކާމިޔާބުވެ ވަޑައިގެން ދެވަނަ ބުރުގައި އެހެން ކެނޑިޑޭޓަކަށް ތާއީދު ކުރެއްވީ އެވެ.