ޚަބަރު

އަދަބު ދިނުމުގެ ބަދަލުގައި މައްސަލައަށް ޙައްލެއް ލިބޭތޯ އުޅުން މާ ރަނގަޅުވާނެ : އަލީ ހުސައިން

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ކެލާ ދާއިރާގެ މެންބަރު އަލީ ހުސެއިން.. ފޮޓޯ/މަޖިލިސް

ޕާކް ކުރާނެ ޖާގަ ނެތް އިރު ސްޓިކާޖަހައި ޖޫރިމަނާކޮށް ރައްޔިތުންނަށް އަދަބު ދިނުމުގެ ބަދަލުގައި ޙަޤީޤީ މައްސަލަޔަށް ޙައްލެއް ލިބޭތޯ އުޅުން މާ ރަނގަޅުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

20 ޕާކިން ވަޔަލޭޝަން ސްޓިކާ ޖެހުމުން ލައިސަންސް ބާތިލު ކުރެވޭ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އާ ގަވާއިދު ރޭ ވަނީ ގެޒެޓް ކޮށްފައެވެ. މިކަމާ ގުޅިގެން މެމްބަރު އަލީ ވިދާޅުވީ ޕާކް ކުރާނެ ޖާގަ ނެތްއިރު ސްޓިކާ ޖަހައި، ޖޫރިމަނާކޮށް، އެންމެފަހުން ލައިސަންސް ބާތިލު ކުރާ ހިސާބަށް މި ދަނީ މާލޭގެ ތޮއްޖެހުމަށް މަޑުޖެހުމެއް ނާންނާތީ ކަމަށެވެ.

"ޕާކް ކުރާނެ ޖާގަ ނެތްއިރު ސްޓިކާޖަހައި، ޖޫރިމަނާކޮށް، އެންމެފަހުން ލައިސަންސް ބާތިލު ކުރާ ހިސާބަށް މިދަނީ މާލެއަށް ތޮއްޖެހުމަށް މަޑުޖެހުމެއް ނާންނާތީ. ރައްޔިތުންނަށް އަދަބު ދިނުމުގެ ބަދަލުގައި ޙަޤީޤީ މައްސަލަޔަށް ޙައްލެއް ލިބޭތޯ އުޅުން މާ ރަނގަޅުވާނެ" މެމްބަރު އަލީ ހުސައިންގެ ޓްވީޓްގައި ވިދާޅުވިއެވެ.

ރޭ ގެޒެޓްކޮށް މިއަދުން ފެށިގެން އަމަލު ކުރަން ފެށުމަށް ހަމަޖެހިފައިވާ ގަވާއިދުގެ ދަށުން ބާތިލް ކުރެވޭ ލައިސަންސްތަކަށް އަލުން އެދެވޭނީ 6 މަސް ފަހުން ކަމަށް ވެސްް އެގަވާއިދުގައި ބުނެފައިވެއެވެ.

އެގަވާއިދުގެ ދަށުން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު ޕާކު ކުރި މީހާގެ ލައިސަންސުން ފަސް ކްރެޑިޓް ޕޮއިންޓް އުނިކުރާ ގޮތަށް ހަމަޖައްސައި 100 ޕޮއިންޓްގެ ކްރެޑިޓް ހުސްވުމުން ލައިސަންސް ބާތިލުވާނެއެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް ޕާކް ކުރުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ވެއްޖެ ނަމަ އުޅަނދު ދުއްވި މީހާގެ ލައިސަންސްއިން 75 ކްރެޑިޓް ޕޮއިންޓް ކެނޑޭނެއެވެ. މީގެ އިތުރުން މިގޮތަށް ޕާކު ކުރުމުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެ ނަމަ ވެސް އެ އުޅަނދެއް ދުއްވި ފަރާތެއްގެ ލައިސަންސްއިން 50 ކްރެޑިޓް ޕޮއިންޓް ކެނޑޭނެއެވެ.

Ads by Allied Insurance
  1. ވިސްނާ

    ރައްޔިތުން ޒިންމާދާރުވެސް ކުރުވަންޖެހެއެވެ. ޖެހުނުތަނަކު ޕާރކު ކުރުމުގެ އާދަ ކަޑުވާލަންވެސް ޖެހެއެވެ. ހިނގާމީހުންނާއި ދުއްވާ އެއްޗިއްސައް އުދަގޫވާގޮތަށް ޕާކު ކުރަނީ ހަމައެކަނި ޖާގަ ނެތިގެނެއްވެސް ނޫނެވެ. އެހެން ގައުމުތަކުގަވެސް ވެހިކަލް ޕާކު ކޮށްފަ ކޮންމެ ވެސް ވަރަކަށް ހިނގާލާފަ ވަންނަންޖެހޭތަނަކަށް ވަންނަނީ. ދޮރުމަތީގަ ޕާކުކޮށްފައެއް ނޫނެވެ.