ބަރުލަމާނީ ނިޒާމުގެ ވާހަކަ ފެށިގެން އައީ ރައީސް ނަޝީދަށް ދިން ހަމަލާގެ ސަބަބުން: ބޮންޑެ
ރާއްޖޭގައި މިހާރު ހިނގަމުން އަންނަ ރިޔާސީ ނިޒާމާ މެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދި، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގެންނަން ވާހަކަފެށިފައި ވަނީ މެއި ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއަށް ފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބަރުލަމާނީ ޤާއިމްކޮށްދިނުމަށް ރައީސް ޞާލިޙަށް ދެންނެވުމަށް އެމްޑީޕީގެ ބައެއް މެންބަރުން އިސްވެ ހަދައިފައިވާ ބަރުލަމާނީ ޕެޓިޝަނަށް ތާއީދު ހޯދުމުގެ ގޮތުން، ވިލިމާލޭގައި ކެމްޕެއިން އިފްތިތާހް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ބޮންޑެ ވިދާޅުވީ، މާލޭގެ މަޖީދީ މަގުގެ މެދުގައި ބޮމެއް ގޮއްވައިލި ހާދިސާއަކީ މުޅި ރާއްޖޭގެ ރައްޔިތުން ނިޒާމާ ދޭތެރޭގައި ސުވާލު އުފައްދަން ފެށި ހާދިސާ ކަމަށެވެ. މި ހަމަލާދެވުނީ ނިޒާމުގައި ހުރި މައްސަލަތަކެއްގެ ސަބަބުންކަމަށް ވިދާޅުވަމުން ބޮންޑެ ވިދާޅުވީ، ހަމަލާދޭން މެދުވެރިވީ މަޖިލީހުން ހެދިފައިވާ ޤާނޫނެއް ތަންފީޒް ނުކުރެވުމުން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި އޮތް ޤާނޫނެއް. 2019 ވަނަ އަހަރު ފާސްކޮށްފައި އޮތް ޤާނޫނެއް. އެހެން ނަމަވެސް އޭގެ ދެ އަހަރު ތިން އަހަރު ފަހުން ވެސް އެ ތަންފީޒް ނުކުރެވިގެން ހޯމް މިނިސްޓްރީގައި ހެދިފައި އޮތް ބާގަޑެއްގެ ތެރެއިން ބަޔަކު ނިކުމެގެން މަޖީދީ މަގުގައި ބޮމެއް ގޮއްވާލީ" ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެ އިޝާރާތް ކުރައްވައިފައި ވަނީ، 2019 ވަނަ އަހަރު ޓެރަރިޒަމް މަނާ ކުރާ ގާނޫނަށް ގެނައި އިސްލާހަކާއެކު އިންޓެލިޖެންސް އޮނިގަނޑެއް ހަދަން އަންގައިފައިވީ ނަމަވެސް އެމްއެންޑީއެފްއާއި ފުލުހުންގެ މެދުގައި ވެސް އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރާނެ އުސޫލެއް ލިޔެފައި ނެތުމުންނެވެ. މިކަން އަވަސް ކުރުމަށް މަޖިލީހުގެ އިންކުއަރީ ރިޕޯޓުން ލަފާ ދިނުމާ ގުޅިގެން ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 3-19 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އެކުލަވާލަންޖެހޭ ޓެރަރިޒަމާާ ގުޅޭ އިންޓެލިޖެންސް ހިއްސާކުރުމުގެ އޮނިގަނޑު އެކުލަވައިލައި، މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް މިދިޔަ މަހު 17 ވަނަ ދުވަހު ވަނީ ފަށައިފައެވެ.
ބޮންޑޭގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާގެ ރިކޮމެންޑޭޝަންތަކަށް އަމަލު ކުރަމުން ނުދާ ކަމަށާއި އަދި އެއިން ކަމެއް ތަންފީޒް ނުކުރެވޭ ކަމަށެވެ. އަދި ރައީސް ނަޝީދަށް ހަމަލާދިނުމަށް ފަންޑު ކުރި ބަޔަކު މިހާތަނަށް ދެނެގަނެވިފައި ނުވާތީ އެކަމަށް ފާޑު ވިދާޅުވަމުން ބޮންޑެ ވިދާޅުވީ، އެކަން ނުވެފައި ވަނީ ވެސް ނިޒާމުގެ ދޯހަޅި ކަމުން ކަމަށެވެ. ބޮންޑެ މިހެން ވިދާޅުވެފައި ވަނީ، ރައީސ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ފައިސާގެ މާބޮޑު މުއާމަލާތްތަކެއް ހިންގައިފައިވާ ކަމަށް ތަހުގީގަށް ހޯދުނު ކަންކަމުން ނުބެލެވޭ ކަމަށް ފުލުހުން ވިދާޅުވެފައިވާތީއެވެ.
"ޤައުމަކަށް ދެވޭނޭ އެންމެ ނުރައްކާތެރި އެއް ހަމަލާ. އެކަމަކު އެކަމެއް މާބޮޑު ކަމަށް ނުވި، އެންކުއަރީ ކޮމިޝަނުން ރިޕޯޓެއް ވެސް ނެރެފި. ރިކޮމެންޑޭޝަންތަކެއް ވެސް އެބަހުރި. އެ ވެސް ތަންފީޒެއް ނުކުރެވޭ. އަދި އަދަށް ވެސް އަޅުގަނޑުމެންނަކަށް ފަންޑުކުރި ބަޔަކު ދެނެގަނެވިފައެއް ނެތް. އެއީ ނިޒާމުގައި ހުރި ދޯހަޅި ކަމުން." ބޮންޑެ ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމެއްގެ ފައިދާތައް ކިޔައިދެއްވަމުން ބޮންޑެ ވިދާޅުވީ، ރިޔާސީ ނިޒާމެއްގައި ސަރުކާރު ޖަވާބު ދާރީ ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް ބަރުލަމާނީ ނިޒާމަކީ އެ ދުވަހުން ދުވަހަށް ރައްޔިތުންގެ ޝަކުވާތަކަށް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބޮންޑެގެ ވާހަކަައިގައި އިތުރަށް ވިދާޅުވީ، ރިޔާސީ ނިޒާމެއްގައި ކަންކަން ތަންފީޒް ކުރަން އަންނަ ވަޒީރުންނަކީ ކާކު ކަމެއް ރައްޔިތުންނަށް ނޭނގޭ ކަމަށާއި އެކަން ނިންމަވަނީ ރައީސް ކަމަށެވެ. އެހެން ނަމަވެސް ބަރުލަމާނީ ނިޒާމެއްގައި އެ ބާރު ރައްޔިތުންގެ އަތުގައި އޮންނަ ކަމަށާއި ވަޒީރުން ޖަވާބު ދާރީ ކުރެވޭނެ ފުރުސަތު ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުންނަށް އޮންނާނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ.
ކަލޯ ތިޔަވަރުގެ ބޮޑެތި ދޮގު ނުހަދާ މަޑުން ހުރެބަލަަ .އެއަށްވުރެ ކުރިން އެސޮރުވަނީ އެވާހަކަ ދައްކާފަކަން ރައްޔިތުންގެ ގިނަމީހުން ނަށް އެނގޭ.
މީމީނާބޭނުންގޮތަކަކަމޮޑެންއޮފުއްގަޑެއް
ރަސްކަމަބަދަލުކުރަންސޮއިކޮބަލަ ބަޑަ ހަރާްމްލާރިއެޅޭވަރުމަދުވެގެންއުޅެނީ