ކޮވިޑުން ރައްކާތެރިވުމަށް ޓަކައި ދިވެހިން ދައްކާފައި ވަނީ ޤައުމީ އެއްބައިވަންތަކަން: އެމްއާރްއެމް

ނުރައްކާތެރި ، ކޮވިޑް-19ގެ ވަބާއިން ރައްކާތެރިވުމަށް ޓަކައި ދިވެހިން ދައްކަވައި ދެއްވައިފައި ވަނީ ޤައުމީ އެއްބައިވަންތަކަން ކަމަށާއި ކުރީސަފުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން މަސައްކަތް
ކުރައްވަމުން ގެންދަވަނީ، އެއީ ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެންކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓްއިން ބުނެފިއެވެ.
ގައުމީ ދުވަހުގެ ތަހުނިޔާ ކިޔައި އެމްއާރްއެމްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އާންމު ހާލަތަށް ދިވެހިރާއްޖެ ބަދަލުކުރުމުގައި އަދިވެސް އެންމެން ޤައުމީކަމެއްގެ ގޮތުގައި މިކަން ދެކިގެން މަސައްކަތް ކުރަން ޖެހޭކަމަށެވެ.
"ކޯވިޑް-19ގެ ވަބާއިން ރައްކާތެރިވުމަށް ޓަކައި ދިވެހިން ދައްކަވައި ދެއްވާފައި ވަނީ ޤައުމީ އެއްބައިވަންތަކަމެވެ. އަދި ކުރީސަފުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެއީ ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. އާންމު ހާލަތަށް ދިވެހިރާއްޖެ ބަދަލުކުރުމުގައި އަދިވެސް އަޅުގަނޑުމެން އެންމެން ޤައުމީކަމެއްގެ ގޮތުގައި މިކަން ދެކިގެން މަސައްކަތް ކުރަން ޖެހެއެވެ." އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްއާރްއެމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއަދު ދިވެހި ގައުމު ފާހަގަ ކުރުމުން މިދަނީ ހިޖުރީ ގޮތުން މީގެ 360 އަހަރު ކުރިން 1 ރަބީޢުލް އައްވަލް 981 ވިލޭރޭ، އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، އެ ރަދުންގެ އެކުވެރިން ކޮޅަކާ އެކު މާލެ އަރައިވަޑައިގެން، އޭރު ރާއްޖެ އިސްތިއުމާރު ކޮށްގެން ތިބި ޕޯޗްގީޒުންނާ ހަގުރާމަ ކުރައްވައި، ފަތަހަ ހޯއްދެވި ތާރީޚީ ހާދިޘާކަމަށެވެ. އަދި އެމާތް ރަދުންނަށާއި އެރަދުންގެ އަރިހުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޓަކައި ހަނގުރާމަ ކުރެއްވި އެންމެހާ ދިވެހި އަބްޠާލުންގެ ޒިކުރާ އާކޮށް، އެބޭފުޅުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި މާތް ﷲ ޙަޒުރަތުގައި ދުޢާ ދަންނަވާކަމަށް ވެސް އެމްއާރުއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.