އައްޑޫން އިތުރު 24 މީހުން ކޮވިޑަށް ފައްސިވެއްޖެ

އައްޑޫ ސިޓީން އިތުރު 24 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
އައްޑޫ ސިޓީން މިހައިތަނަށް ޖުމްލަ 32،922 ސުންކު ވަނީ ނަގައިފައެވެ. އަދި ސީދާކޮށް އެއްތާވި މީހުންގެ ގޮތުގައި 236 މީހުން މިހައިތަނަށް ވަނީ ފާހަގަ ކުރެވިފައެވެ. އިއްޔެ އެ ސިޓީން ނެގުނު ސުންކުތަކުގެ އަދަދަކީ 198އެވެ.
އައްޑޫ ސިޓީގައި ކޮވިޑު-19 ފެތުރޭތީ ސިޓީ ކައުންސިލް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. މިގޮތުން އެ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން، މަގުމައްޗާއި އާންމު ތަންތާގައި އެއްވެއުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރަން ވެސް ވަނީ އަންގައިފައެވެ.