ކޮވިޑާ ގުޅިގެން އައްޑޫގައި އެއްގެއިން އަނެއްގެއަށް ދިއުން މެދުކަނޑައިލާން ނިންމައިފި

އައްޑޫގައި ކޯވިޑު ފެތުރޭ މިންވަރު ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.
އެ ސިޓީގެ އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވީ އައްޑޫގައި މިހާރު ބަލި ފެތުރޭ މިންވަރު އިތުރު ވެފައިވާތީ ބަލި ކޮންޓްރޯލު ކުރަން އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން އަޅަން ނިންމައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އާންމުކޮށް އެންމެން އެއްތަނަކަށް އެއްވެގެން ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓައިލުމާއި ކިޔެވުން ފިޔަވައި ސުކޫލުގެ އެހެން ހުރިހާ ހަރަކާތެއް ހުއްޓައިލުން އަދި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓައިލުން ހިމެނެއެވެ.
އައްޑޫ ސިޓީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހައިތަނަށް ޖުމްލަ 2494 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެނީ 3 މީހަކަށެވެ. އައްޑޫން މި ބަލީގައި 10 މީހަކު ވަނީ ނިޔާވެފައެވެ. އަދި އެ ސިޓީން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2768 އަރައިފައެވެ.
އައްޑޫ ސިޓީން މިހައިތަނަށް ޖުމްލަ 33،339 ސުންކު ވަނީ ނަގައިފައެވެ. އަދި ސީދާކޮށް އެއްތާވި މީހުންގެ ގޮތުގައި 160 މީހުން މިހައިތަނަށް ވަނީ ފާހަގަ ކުރެވިފައެވެ. އިއްޔެ އެ ސިޓީން ނެގުނު ސުންކުތަކުގެ އަދަދަކީ 130އެވެ.